ސަރަހައްދީ ހަމަޖެހުން ނުރައްކަލުގެ ތެރެއަށް ވައްޓާލައްވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ކަމަށް ވިދާޅުވެ، އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމު މީގެ ކުރިން އަދާކުރައްވާފައިވާ ޓިމް ރޮއެމާ ފާޑުވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ވެރިކަމުގައި 2009 ވަނަ އަހަރުން 2011 ވަނަ އަހަރު އެމެރިކާގެ ސަފީރު ކަމުގައި ހުންނެވި ރޮއެމާ މިފަދަ މޭރުމަކުން އިމްރާންއަށް ފާޑުވިދާޅުވެފައި މިވަނީ، ދާދިފަހުން އެމެރިކާގެ ދުވަހު ނޫހެއްގައި އިމްރާން އާންމުކުރެއްވި ލިޔުމަކާ ގުޅިގެންނެވެ. މި ލިޔުމުގައި އިމްރާން ވަނީ ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އިންޑިއާއިން ބޭނުން ނުވާކަމަށް ތުހުމަތު ކުރައްވާފައެވެ.
އިމްރާންއަށް ފާޑުވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައި އިމްރާންގެ ލިޔުން ހިމެނޭ ލިންކް ޓެގްކުރައްވަމުން އެމެރިކާގެ ކުރީގެ ސަފީރު ވަނީ، އެމެރިކާއިން އިންޑިއާއަށް ތާއީދުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ސަފީރު އިތުރަށް ވިދާޅުވީ ކަޝްމީރުގެ މައްސަލަ ބޮޑުކުރައްވައިގެން އުޅުއްވަނީ އިމްރާން ކަމަށާއި، އިމްރާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ޒާތީ ގޮތުން ހަމަލާތައް ދެއްވާ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން އިމްރާނަކީ ސަރަހައްދީ ހަމަޖެހުން ނަގާލައްވާ ބޭފުޅެއްގެ ގޮތުގައިވެސް އެމެރިކާގެ ކުރީގެ ސަފީރު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ސިފަކުރައްވާފައެވެ.
ކަޝްމީރުގެ މައްސަލައަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯއްދެވުމަށް އިމްރާންއާއި އޭނާގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޗައިނާގެ އެއްބާރުލުމާއެކު އދގެ ސަލާމަތީ މަޖިލީހަށްވެސް ކަޝްމީރުގެ މައްސަލަ ވައްދާފައިވާއިރު، މިއީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް ބުނާ ގައުމުތައްވެސް މަދެއް ނޫނެވެ. ކަންމިހެން އޮތްއިރު އަނެއްބައި ގައުމުތަކުން ބުނަމުންދަނީ، ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނުން މަޝްވަރާކޮށްގެން ހަމަޖައްސަންޖެހޭ މައްސަލައެއް ކަމަށެވެ.