ދީނުގެ ނަމުގައި ބަންގްލަދޭޝްއިން ހިންގާ މަދަރުސާތަކުގައި ތައުލީމު ހާސިލުކުރާ އަންހެން ކުދިންނަށް ޖިންސީ ގޮތުން ކުރިމަތިކުރާ ގޯނާތަކުގެ ވާހަކަތައް ސޯޝަލް މީޑިއާއަށް ތިލަވާން ފަށައިފިއެވެ.

މިކަން ކުރަނީ، އެ މަދަރުސާތަކުގައި ތައުލީމު ހާސިލުކޮށްފައިވާ ކުދިންތަކެއް ކަމަށް ޚަބަރު ލިބެއެވެ.

169 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި މިފަދަ އެތައް ހާސް މަދަރުސާއެއް ހުރިއިރު، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ ވާހަކައަކީ އެގައުމުގައި މަދުން ނޫނީ ނުދައްކާ ވާހަކައެކެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު، މަދަރުސާގެ އިސްވެރިއެއްގެ ފަރާތުން ޖިންސީ ގޯނާއާއި ފުރައްސާރައާއި ކުރިމަތިލާންޖެހުނު އަންހެން ކުއްޖަކު އެ ދައުވާ އުފުލުމުން، އިހާނެތި ގޮތަކަށް އޭނާ މަރާލި ހާދިސާއާއި ގުޅިގެން، މިފަދަ ވާހަކަތަކުގެ އަޑުވަނީ ގަދަވާން ފަށާފައެވެ.

ޖިންސީ ގޯނާއާއި ފުރައްސާރަ ކުރިމަތިކުރުވާ މަދަރުސާތަކަކީ ފަގީރު އާއިލާތަކުގެ ކުދިން ތައުލީމު ހާސިލުކުރުމަށްދާ ތަންތަންކަމަށްވެއެވެ. އަދި "ދީނީ" މަދަރުސާތަކެއްގެ ހައިބަތަށް އުނިކަން ލިބިދާނެ ކަމުގެ ބިރަށްޓަކައި ބެލެނިވެރިންވެސް އެފަދަ ވާހަކަތައް ސިއްރުކޮށްފައި އޮންނަ ކަމަށް، ބަންގްލަދޭޝްގެ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓެއް ކަމަށްވާ ޢަބްދުއް ޝާހިދު ވަނީ ފާހަގަކޮށްފައެވެ.

ބަންގްލަދޭޝްގެ މަދަރުސާއެއްގެ ތެރޭގައި އިހާނެތި ގޮތަކަށް މަރާލި އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރާފީ/ފޮޓޯ: އާއިލާ

ކުޑަކުދިންނާ މެދު ބަދުއަހުލާގީ އަމަލު ހިންގުމަކީ، ތަސަރައްފު ފުދިފައިވާ މީހަކާއެކު ކައިވެނިން ބޭރުން ގުޅުން ހިންގުމަށްވުރެ ކުޑަ ކުށެއް ކަމަށް މަދަރުސާގެ މުދައްރިސުންނާ ވެރިންނަށް ހީވެފައި އޮންނަ ކަމަށް، މިފަދަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރި މީހަކު ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގައި މަދަރުސާތައް ހިންގާ ފަރާތްތަކުން މި ދައުވާތަކަށް އިންކާރު ކުރެއެވެ. ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ވިއްސަކަށް ހާސް މަދަރުސާ ހުންނައިރު، އެއްތަން ނުވަތަ ދެތަނެއްގައި މިފަދަ ކަމެއް ހިނގާފާނެ ކަމަށާއި، ނަމަވެސް މިއީ އާންމު ކަމެއް ނޫންކަމަށް މަދަރުސާތައް ހިންގާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.