އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހް މިއަދު ތަސްދީގުކުރެއްވި މި ބިލަކީ މި ހިނގާ އޯގަސްޓުމަހުގެ 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލުން އިސްލާހު ހުށަހަޅާފައި ވަނީ އިޖްތިމާޢީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) އަށެވެ. މި އިސްލާހުގައި ބުނެފައިވަނީ، މިމާއްދާގައި "މިނިސްޓަރު" ކަމުގައި ބުނެފައި ވަނީ ރައްޔިތުންނަށް އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށް ދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށް ކަމުގައެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް، ސަރުކާރުން މި އިސްލާހު ގެނައުމުގެ ބޭނުމަކީ، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކަންކަން، ސިއްހަތާތާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވުޒާރާއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާކަމަށްވާ "މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް" އަށް ބަދަލުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގާނޫނަށް ގެނައުމެވެ.

މި ބިލު ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.