މިއަހަރުގެ އޭޕްރިލް މަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި މުސްލިމުންނާ ދެކޮޅަށް ފަތުރަމުންދާ ނަފުރަތު އުފެދޭ ޒާތުގެ ޕްރޮޕަގަންޑާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުވުމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ އދގެ ސްޕެޝަން ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބޮލީފް އަދި ދިވެހިރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު ގޮވާލައްވައިފިއެވެ.
ޑރ ޝަހީދު މިކަމަށް ގޮވާލައްވާފައި ވަނީ، ބުދިސްޓުންގެ މެޖޯރިޓީ އޮންނަ އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި 12 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.
އެ ހަމަލާތަކެއްގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލަފައިވާ އޭޕްރިލް މަހުގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން މުސްލިމުންނާ މެދު އެހެން ދީންތަކުގެ އާބާދީތަކުގެ މެދުގައި އިތުބާރު ކުޑަވާ ގޮތަށް ކަންތައްތަކެއް ހިނގާފައިވާކަން ޑރ ޝަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ލަންކާ ދަތުރުފުޅަށްފަހު ދެއްވި ބަޔާނުގައި ޑރ ޝަހީދު ވިދާޅުވީ، ޓެރަރިސްޓް ހަމަލާތަކަށްފަހު ސަރުކާރަށް ކޮންޓްރޯލް ލިބުނު ކަމުގައި ވީ ނަމަވެސް، ދީނީ ގޮތުން ހައްދުފަހަނައަޅާފައި ވާ ބައެއް ޖަމާއަތްތަކުގެ އަމަލުތައް ހުންނަ ގޮތުން، ދީނީ އާބާދުތަކުގެ ތެރޭގައި އަދިވެސް ސަލާމަތާ ގުޅުންހުރި ކަންކަމުގައި ކަންބޮޑުވުން ތަކެއް އެބަހުރިކަމަށެވެ.
ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންނަށް އަމާޒުކޮށް ދެމުންދިޔަ ހަމަލާތައް ވަނީ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން މުސްލިމުން ދިރިއުޅެމުންދިޔަ ތަންތަން ލޫޓުވުމާ، މުސްލިމުންނަށް ދެމުންދިޔަ ޖިސްމާނީ ހަމަލާތަކުގެ އަދަދު އެދުވަސްވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. މީގެ އިތުރުން ސްރީލަންކާގެ ސަރުކާރުންވެސް ވަނީ މުސްލިމުންގެ މިނިވަންކަމާ ކަރާމާތަށް އުނިކަން ލިބޭފަދަ ބައެއް ބަދަލުތައް، އެގައުމުގައި ތަންފީޒުކުރަން ފެށި ކުށްލި ހާލަތުގެ އަމުރުގެ ދަށުން ތަންފީޒުކޮށްފައެވެ.
ޑރ ޝަހީދު ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް ސްރީލަންކާގައި ފަތުރަމުންދާ ނަފުތަރުގެ ޕްރޮޕަގަންޑާ ހުއްޓުވެން ޖެހޭކަމަށާ، މި އެޖެންޑާ ފަތުރަމުންދަނީ ރަނގަޅަށް ރެގިއުލޭޓް ނުކުރެވި އޮތް މީޑިއާގެ ޒަރިއްޔާއިން ކަމަށެވެ. އަދި ދީނީ އާބާދުތަކުން މިކަމުން ސިޔާސީ ނާޖާއިޒު ފައިދާ ނަމުންދާ ކަންވެސް ޑރ ޝަހީދު ވަނީ ފާހަގަ ކުރައްވާފައެވެ. ނަފުރަތު އުފައްދާ ނެޓްވާކްތައް ރޫޅާ، ނަފުރަތު އުފެދޭ ގޮތަށް ދެކެވޭ ވާހަކަތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށް މަސައްކަތް ކުރުމަށްވެސް ޑރ ޝަހީދު ވަނީ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި ހުރިހާ ރަމްޒެއްގެ މީހުން ޝާމިލުވާކަން ބަލައިގަންނަން ދަސްކޮށްދޭ ތަރުބިއްޔަތެއް ފޯރުކޮށް ދިނުމަށްޓަކައި ސްރީލަންކާގެ ތައުލީމީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްވެސް ޑރ ޝާހީދު ވަނީ ގޮވާލައްވާފައެވެ.
ސްރީލަންކާގެ މަސްރަހާ ގުޅިގެން ޑރ ޝަހީދު އާންމު ކުރެއްވި ބަޔާނަށް ސްރީލަންކާގެ ސަރުކާރުން އަދި އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.