ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ލޯނު އަދި ސްކޮލާޝިޕްގެ ފުރުސަތުތަކަށް 300 މިލިއަން ރުފިޔާ އިތުރަށް ހިނގާނެ ކަމަށް ލަފާކޮށް ސަޕްލަމަންޓްރީ ބަޖެޓްގައި ހިމަނައިފިއެވެ.

މިއަހަރު އިތުރަށް 1.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލަމަންޓްރީ ބަޖެޓެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކަށް ބަޖެޓް ކުރުމަށް ވަނީ ހުށަހަޅާފައެވެ.

ސަޕްލަމަންޓްރީ ބަޖެޓްގައި، އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް އައިލެންޑް އޭވިއޭޝަނަށް 35 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި، ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 24.4 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ. އަދި ނާސްތާ ޕްރޮގްރާމަށް 81 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށް، ބަޖެޓަށް އިތުރު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ބަޖެޓް ކޮންޓިންޖަންސީގެ ގޮތުގައި އަލަށް ހުށަހެޅި ސަޕްލަމަންޓްރީ ބަޖެޓްގައި 225 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މަޖިލީހަށް ހުށަހެޅި ސަޕްލަމަންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.