ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މިނިވަންކަމާ އިސްގުލާލަށް އުނިކަން ލިބޭ ގޮތަށް، އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލި މައްސަލައާއި ގުޅޭ ގޮތުން ދިވެހި ހާރިޖީ ވަޒީރާ ފޯނުން ގުޅުއްވާ މަޝްވަރާކުރައްވާފައި ނުވާނެ ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

މާއްދާ 370 އުވާލުމުގެ މައްސަލައަކީ އިންޑިއާގެ ދާހިލީ ކަމެއް ކަމުގައި ދިވެހިރާއްޖެއިން ބުނެފައިވަނިކޮށް މިކަމާ ގުޅިގެން އިންޑިއާގެ މީޑިއާއަކުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގުރައިޝީ ވަނީ މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖެއާ މަޝްވަރާކޮށްފައި ވާކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ދިވެހި ހާރިޖީ ވަޒީރާ ފޯނުން ގުޅުއްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މި ފޯނުކޯލަށްފަހު ދިވެހި ހާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޖައްމު އާއި ކަޝްމީރުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތާއި، އިންޑިއާއިން އެޤައުމުގެ ޤާނޫނު އަސާސީގެ 370ވަނަ މާއްދާ އުވާލުމާއި މެދު ޕާކިސްތާނުން ދެކޭ ގޮތުގެ މައުލޫމާތު ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ތަފްސީލުކޮށްދެއްވާފައިވާކަމަށެވެ.

ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނަށް ފޯނުން ގުޅުއްވިކަމަށްޓަކައި ޤުރޭޝީއަށް ޝުކުރު ދެންނެވިކަމަށާ، ޕާކިސްތާނާއި އިންޑިއާއަކީ ދިވެހިރާއްޖެއާއި ވަރަށް ރަހުމަތްތެރި ދެ ޤައުމުކަމަށާއި، އެ ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއި އެކު ހައްލުކުރުން މުހިއްމުކަމަށް ޝާހިދު ފާހަގަކުރެއްވިކަމަށްވެސް ދިވެހި ހާރިޖިއްޔާއިންވަނީ ބުނެފައެވެ. އަދި އިންޑިއާގެ ޤާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާޚިލީކަމެއްކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިކަމަށާ، ދިވެހިރާއްޖެއިން އަބަދުވެސް ޕާކިސްތާނުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަޤީންކަން އެޤައުމުގެ ޚާރިޖީ ވަޒީރަށް އެރުވިކަމަށް ދިވެހި ހާރިޖިއްޔާއިން ވަނީ ހުކުރު ދުވަހު ބުނެފައެވެ. އަދި ދެޤައުމު ގުޅުން ކުރިއަށް އޮތްތަނުގައިވެސް ބަދަހިކަންމަތީ އޮންނާނެކަމަށް އުއްމީދުކުރައްވާކަމަށް ދިވެހި ހާރިޖީ ވަޒީރު ވިދާޅުވިކަމަށްވެސް ހާރިޖިއްޔާއިންވަނީ ބުނެފައެވެ.

މިފަދަ ގޮތަކަށް ވާހަކަ ދެކެވިފައިވަނިކޮށް ހަގީގަތް އޮޅޭ ފަދަ މޭރުމަކުން ޕާކިސްތާނުން ވާހަކަދައްކާފައިވާ މި ދަނޑިވަޅަކީ، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ދެއްކެވި ވާހަކަފުޅެއްގެ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ޕާކިސްތާނުން މައުލުމާތު ފެތުރި މައްސަލައެއްވެސް ފެންމަތިވެފައިވާ ދަނޑިވަޅެކެވެ.

ސްރީލަންކާގައި ހުންނަވާ ޕާކިސްތާނުގެ ހައިކޮމިޝަނަރުގެ އެދިވަޑައިގަތުމަކަށް ސިރިސޭނާ ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ސިރިސޭނާ ދެއްކެވި ވާހަކަފުޅުތަކުގެ މާނަ އޮޅޭ ގޮތަށް ޕާކިސްތާނު ހައިކޮމިޝަނުން ވަނީ ޚަބަރު ފަތުރާފައެވެ. އެގޮތުން އިންޑިއާއާއި ޕާކިސްތާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މެދުވެރިއެއްގެ ގޮތުގައި ސްރީލަންކާއިން މަސައްކަތްކުރާނެ ކަމަށް ސިރިސޭނާ ވިދާޅުވި ކަމަށް ޕާކިސްތާނުގެ ހައިކޮމިޝަނުން ބުނެފައިވާއިރު، ސްރީލަންކާގެ ރައީސް އޮފީހުގެ ވާހަކަތައް ތަފާތެވެ. އެގޮތުން އިންޑިއާއާއި ޕާކިސްތާނަކީ ސްރީލަންކާއާއި ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަން ފާހަގަކުރެއްވުން ފިޔަވާ އިތުރު މޭރުމަކުން ސިރިސޭނާ ވާހަކަފުޅު ދައްކަވާފައި ނުވާކަމަށް ސްރީލަންކާގެ ރައީސް އޮފީހުންވަނީ ބުނެފައެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފިކުރު ހުރި ގޮތަށް ބަލާއިރު، މިއީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިތުރުން ބޫޓާންއާއި ސްރީލަންކާއިންނެވެ. ނޭޕާލްއާއި އަފްޣާނިސްތާނުން ބުނަމުންދަނީ މިއީ ޕާކިސްތާނާ އިންޑިއާގެ ސަރުކާރުގެ މެދުގައި އޮތް މައްސަލައެއް ކަމަށެވެ.