އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެ ގައުމުގައި އިއުލާންކުރި ކުށްލި ހާލަތުގެ އަމުރު، 4 މަސްދުވަހަށްފަހު އުވާލައިފިއެވެ.

ސްރީލަންކާގައި އިއުލާންކޮށްފައި އޮތް ކުށްލި ހާލަތުގެ އަމުރު އުވާލެވިފައިވަނީ، އަމުރުގެ މުހުލަތު ހަމަވެގެންނެވެ. ކުށްލި ހާލަތުގެ މުހުލަތު އިތުރު 1 މަސްދުވަހަށް އިތުރު ކުރާ ގަރާރުގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ސޮއިކުރައްވާފައެއް ނުވެއެވެ.

ސްރީލަންކާގައި އިއުލާންކުރި ކުށްލި ހާލަތުގެ އަމުރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އެގައުމަށް އަމާޒުވެފައެވެ. ކުށްލި ހާލަތުގެ އަމުރުގެ ދަށުން، ކޯޓު އަމުރަކާ ނުލާ، މީހުން ހައްޔަރުކޮށް ސުވާލު ކުރުމުގެ ބާރާ އިމްތިޔާޒު، ސްރީލަންކާގެ އަސްކަރިއްޔާއާއި ފުލުހުންނަށް އޮތީ ލިބިދީފައެވެ. މި ބާރުގެ ދަށުން އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ކުށްލި ހާލަތުގެ އަމުރު އުވިގެން ދިއުމަކީ ސްރީލަންކާގެ މަސްރަހު އާންމު ހާލަތަކަށް ރުޖޫއަވުންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ކުށްލި ހާލަތުގެ އަމުރު އުވިގެން ދިއުމަކީ، 4.4 ބިލިއަން ޑޮލަރުގެ އަގުހުރި ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައި އޮތް ސްރީލަންކާއަށް މިވަގުތު ނުހަނު ބޭނުން ކަމަކަށް އޮތީ ވެފައެވެ. ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްރީލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު އެތައް ޕަސެންޓެއް ދަށަށް ގޮސްފައެވެ. ނަމަވެސް، މިކަންވެސް މިހާރު ހެޔޮ ފާލަކަށް އެޅެމުން އަންނަ ކަމުގެ ޚަބަރުތައް ވަނީ ލިބެން ފަށާއެވެ.