މިޔަންމާގެ ރާކީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި ޖިންސީ ގޯނާގެ އަމަލުތަކަކީ، އެ އާބާދީގެ ނަސްލު ފޮހުލުމަށްޓަކައި ގަތުލުއާންމު ހިންގުމުގެ ނިޔަތް އޮތްކަން ދައްކުވާދޭ ކަމެއް ކަމަށް، މިމައްސަލަ ތަހުގީގު ކުރަމުންދާ އދގެ ޓީމުން ބުނެފިއެވެ.
މިޔަންމާގެ މަސްރަހުން މައުލުމާތު އެއްކުރުމަށް އެކުލަވާލި އދގެ ބައިނަލްއަގުވާމީ މިޝަންއިން ހޯދާފައިވާ ބައެއް ހޯދުންތަކަށް ބަލާއިރު، މިޔަންމާގެ އަސްކަރިއްޔާއިން ޖިންސީ ގޯނާގެ އަމަލުތައް ހިންގާފައިވަނީ ވަކީ ރާވާފައިވާ ވަކި ނިޒާމެއްގެ ތެރެއިންކަން ހަމާވެއެއެވެ. އެގޮތުން ރޭޕްކުރުމާ، ގުރޫޕު ހަދައިގެން ރޭޕް ކުރުމާ، އެނޫންވެސް ގޮތްގޮތުން މަޖުބޫރުކުރުވައިގެން ޖިންސީ އަމަލުތައް ހިންގުވުން ފަދަ ޖަރީމާތައް ހިންގާފައިވާކަމަށް އެ މިޝަންއިން އާންމު ކުރި ރިޕޯޓްފައިވަނީ ފަހާގަކޮށްފައެވެ.
އދގެ ފެކްޓްފައިންޑިންގް މިޝަންގެ ރިޕޯޓް ބުނާ ގޮތުގައި މިޔަންމާ އަސްކަރިއްޔާގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންގެ އިތުރުން ފިރިހެނުންވެސް ހިމެނެއެވެ.
މިޔަންމާއިންވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފައެވެ. އަދި ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވެފައިވާނީ ރޯހިންޏާ ހަނގުރާމަވެރިންގެ އަމަލުތަކާ ދެކޮޅަށް ކަމަށެވެ.
ނަމަވެސް އދގެ މިޝަންގެ މެމްބަރެއް ކަމަށްވާ ރާދިކާ ކުމާރުސުވާމީ ވިދާޅުވީ، ޖިންސީ ގޯނާކުރުމަކީ މިޔަންމާ އަސްކަރިއްޔާއިން ބޭނުންކުރި ހަތިޔާރަކަށްވެފައިވާކަމަށެވެ. އަދި ރޯހިންޏާ ދަރިކޮޅުގެ މީހުން ދިރިއުޅެމުންދިޔަ ހިސާބުތަކުގައި މިއަމަލުތައް ހިންގާފައިވަނީ އާބާދީއެއް ނެތިކޮށްލުމުގެ ނިޔަތުގައިކަން ހާމަވާ ކަމަށެވެ.
އދގެ ފެކްޓް ފައިންޑިންގް މިޝަންއިން މިފަދަ ރިޕޯޓެއް އާންމުކޮށްފައިވާއިރު، މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް އެތެރެވި ރެފިއުޖީންގެ ތެރެއިން، މިޔަންމާއަށް އަލުން އެތެރެވޭވެނެކަމުގެ ހުއްދަ އެގައުމުން ދިން 3450 މީހަކު، މިޔަންމާއަށް އެނބުރި ދާން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ. މިމީހުން މިޔަންމާއަށް ގެންދިއުމަށް ތައްޔާރުކުރި 5 ބަސް ފުރާގަޑި ޖެހުނުއިރު، އެއްވެސް މީހަކު އެ ސަރަހައްދަށް ހާޒިރުވެފައި ނުވާއިރު، ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިހުތިޔާރުގައެވެ.