މިހާރު ހުރި މިންގަނޑުތަކަށް ބަލާއިރު، ފެނުގައި އެކުލެވޭ ކުދިކުދި ޕްލާސްޓިކް ކޮޅުތަކުގެ ސަބަބުން އިންސާނުންގެ ފުރާނައަށް ނުރައްކާވާ ކަމުގެ ހެއްކެއް ފެންނަން ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ފެނުގައި ޕްލާސްޓިކްގެ ތަޣައްޔަރުކަން އެކުލެވުމާ އޭގެ ނުރައްކާތަކާ ގުޅޭ ގޮތުން އެޖަމިއްޔާއިން ފުރަތަމަ ފަހަރަށް އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، ފެނުގެ ތެރެއަށް ވަދެފައިވާ ކުދި އަދި އަށްވުރެ ތަންކޮޅެއް ބޮޑެތި ޕްލާސްޓިކް ޕާޓިކަލްތަކަކީ ހަށިގަނޑުގެ ތެރެއަށް ދަމައިނުގަނެ، ހަށިގަނޑުން ބޭރުވެގެންދާ ބައިތަކެކެވެ.

ކަންމިހެން އޮތް ނަމަވެސް، މިއީ ކުޑަ ދިރާސާއެއް ކަމަށާ، މިއަށްވުރެ ފުޅާދާއިރާއެއްގައި މި ދިރާސާ ކުރިއަށް ގެންދެވެން ޖެހޭނެކަމަށްވެސް ޑަބްލިއުއެޗްއޯއިންވަނީ ބުނެފައެވެ. އަދި މިކަމުގެ ޖަވާބު މިހާރުން މިހާރަށް ބޭނުންވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިންވަނީ ބުނެފައެވެ.

މައިކްރޯޕްލާސްޓިކް ޕާޓިކަލްގެ ގޮތުގައި ބަލަނީ ދިގުމިނުގައި 5 މިލިމީޓަރު ހަމަނުވާ ޕްލާސްޓިކްކޮޅުތަކެވެ.

ފެނުގައި މައިކްރޯޕްލާސްޓިކް އެކުލެވޭ މިންވަރު ބަރޯސާވަނީ ފެން ސާފުކުރަން ގެންގުޅޭ ފިލްޓަރެއްގެ މައްޗަށްކަން ދޭހަވާފަދަ މޭރުމަކުން ޑަބްލިއުއެޗްއޯގެ އޮފިޝަލެއް ކަމަށްވާ ޑރ ބްރޫސް ގޯޑަން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ފެން ސާފުކުރުމަށް މިހާރަށްވުރެ އެކަށީގެންވާ ނިޒާމުތަކެއް ގާއިމުކޮށް ހަރުދަނާ ކުރަންޖެހޭކަންވެސް ޑރ ގޯޑަން ވަނީ ފާހަގަކުރައްވާފައެވެ. ދުނިޔޭގެ އާބާދީގެ 2 ބިލިއަން މީހުންނަކީ އިންސާނީ ނަޖިހުން ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަންޖެހިފައިވާ މީހުންކަމަށާ، މިކަމުގެ ސަބަބުން މިލިއަނެއްހާ މީހުންގެ ފުރާނަ އަހަރެއްގެ މައްޗަށް ގެއްލިގެންދާކަންވެސް ޑރ ގޯޑަން ވަނީ ފާހަގަކުރައްވާފައެވެ.

ފަހުގެ ބައެއް އިތުރު ހޯދުންތަކަށް ބަލާއިރު، އާދައިގެ ފެނޭ މިކިއާ އިސްކުރު ފެނުގައި މައިކްރޯޕްލާސްޓިކް ޕާޓިކަލް އެކުލެވޭ މިންވަރަށްވުރެ، ބަންދުކޮށްފައި ހުންނަ ފުޅީގައި ވިއްކާ ފެނުގައި މައިކްރޯޕްލާސްޓިކް އެކުލެވޭ މިންވަރު އިތުރެވެ. ނަމަވެސް އެކަން އެހެން މެދުވެރިވާ ސަބަބު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.