ޖައްމުއާއި ކަޝްމީރުގެ އިންޑިއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު އަދި އިމްތިޔާޒުތަކާ، ބާރުތައް ލިއްބައިދިން މާއްދާ 370 އިންޑިއާގެ ގާނޫނު އަސާސީއިން އުވާލާ، މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ކަޝްމީރު ގެންގޮސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ނަމުގައި އަސްކަރިއްޔާއިން ފޯރިމަރަން ފެށިފަހުން އުޒްމާ ޖާވިދު އޭނާގެ ގެއިން ނުނިކުމެ އެތައް ދުވަހެއް ހޭދަކުރިއެވެ.

ކަޝްމީރުގެ މައި ސިޓީކަމަށްވާ ސްރީނަގަރުގައި އޭނާ ދިރިއުޅެމުންދިޔަ ދެ ބުރި ގޭގެ ކިޑިކީއިން އޭނާ ބޭރުބަލަމުންދިޔައެވެ. ދުވާލަކު އެތައް ފަހަރަކު އެކަން ތަކުރާރީ ބޭ އިހުތިޔާރުގައެވެ. އުޒްމާއަކީ ކެރެލާގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެކެވެ. ސްރީނަގަރަށް އައިސް އުޅުނީ އާއިލާއެކު ޢީދު ޗުއްޓީ ހޭދަކޮށްލުމަށެވެ. ނަމަވެސް އުޒުމާއަށް ޖެހުނީ ކަޝްމީރުގެ އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން ގޭބަންދުގައި ހުރި ގައިދީއެއްގެ ގޮތުގައި ޢީދުގެ ދުވަސްތައް ގުނާށެވެ. އުޒްމާ ދެކޭ ގޮތުގައި، އިންޑިއާގެ މައި ސަރުކާރުން ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ އެންމެ ބޮޑު އަނިޔާއެއް ތަހައްމަލު ކުރަމުންދާ ބަޔަކީ ކަޝްމީރުގެ އަންހެނުންނެވެ.

"މުނާޒާގެ ހާލެއްވެސް ނޭނގޭ. ނަމާދަށް ދާން ފިރިހެނުންނަށް ގެއިން ބޭރަށް ނިކުމެވޭ. އެކަމަކު، އެކަމެއް އަހަރަމެންނަކަށް ނޯވޭ" ޒާތަކަށް ގޭބަންދުވެފައި އިން އުޒްމާ، އޭނާގެ ރަހުމަތްތެރިޔާގެ ޚަބަރެއް ނުވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ބުނެލިއެވެ.

"މަގުމަތިން ސިފައިންތައް ފެންނަ ކޮންމެ ފަހަރަކު ފިއްކަނޑައިގެން ދާވަރުވޭ. ބޭބެވިއަސް، ބައްޕަވިއަސް، އެތަނަށް ނިކުންނާކަށް އަހަރެންގެ ހިތެއް ނޭދޭ. އެކަމަކު ކީއްކުރާނީ؟ ދިރިހުރުމަށް ކާބޯތަކެތި ހޯދަންވެސް ނިކުންނަންޖެހޭނެތާ!"
އުޒްމާ ޖާވިދު

އުޒްމާ އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭނުން ކުޑަ މިންވަރެއް ހިއްސާކޮށްލިއެވެ.

އިންޑިއާގެ ސަރުކާރާ ދެކޮޅަށް ކަޝްމީރުގައި އަދިވެސް ހިސާބަކަށް މުޒާހަރާ ކުރެއެވެ. މި މުޒާހަރާތައް އާދަޔާ ހިލާފަށް ހޫނުވާ ފަހަރުވެސް އާދެއެވެ. އެފަދަ މުޒާހަރާއެއް އުޒްމާ ދިރިއުޅޭ ގޭ ކައިރީގައި ކުރިއަށްދިއުމުގެ ނަތީޖާއަކަށްވީ، އޭނާގެ ލޭ މައްޗަށް ދިއުމެވެ. އޭނާގެ ބޭބެ ނުވަތަ ބައްޕަ އެ މުޒާހަރާގެ ތެރޭގައި ހިމެނިދާނެތީއެއް ނޫނެވެ. އެ ދެމީހުން އިންޑިއާގެ ސިފައިންގެ އަތްދަށު ވެދާނެ ކަމުގެ ބިރަށެވެ. ބޭބެއާއި ބައްޕަ ގެއަށް އައީ އެރެއެވެ. އުޒްމާއަށް ޖެހުނީ ލޭގެ ޕްރެޝަރު މާ މަތިވެގެން، ހޮސްޕިޓަލުން ފަރުވާ ހޯދާށެވެ.

މިއީ ކަޝްމީރުގެ އެންމެ އަންހެނެއްގެ ހާލެވެ. މިފަދަ ކިތަންމެ ބަޔަކު ތިބޭނެ ކަން ޔަގީނެވެ. ނަމަވެސް، މައްސަލަތައް މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ކަޝްމީރުގެ ގާނޫނު ކުރިން ހަމަޖެހިފައި އޮތް ގޮތުން، އެސަރަހައްދަށް ނިސްބަތް ނުވާ މީހަކަށް ބިން މިލްކުކުރުމާ ރަށްވެހިކަން ހޯދުމުގެ ހައްގެއް ނޯވެއެވެ. ނަމަވެސް، މާއްދާ 370 އުވާލުމާއެކު އެކަން ބާތިލުވެ، ހިންދޫންގެ އާބާދީ ބޮޑު އިންޑިއާގެ އެހެން ހިސާބުތަކަށް ކަޝްމީރު ހުޅުވާލެވުނީއެވެ. މިކަމުގެ އަނިޔާވެސް ލިބެން ފެށީ ކަޝްމީރުގެ އަންހެނުންނަށެވެ.

މިހެން ދަންނަވަންޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ކަޝްމީރަށް ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް އޯގަސްޓް މަހުގެ 5 ދުވަހު ގެނައި ބަދަލާއެކު، "ކަޝްމީރުގެ އަންހެނަކާ ކައިވެނިކުރާނީ ކިހިނެއް" ތޯ ގޫގްލްގައި ސާޗްކުރި މިންވަރު ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ.

"އެހެން ހިސާބުތަކުގެ މީހުންނަށް ކަޝްމީރުގެ އަންހެނުން ފެންނަނީ މާއްދީ މުދާގަނޑެއްހެން. ސިފަކުރުންތައް ހުންނަނީ ވަހުޝީކޮށްފަ. މިކަމާ ހެދި ހިތުގައި ބިރުވެރިކަން އުފެދޭ. ޝިކާރަވެރިއެއްގެ އަތްދަށު ވެދާނެތީ އިންތިހާއަށް ބިރުގަނޭ"، ސްރީނަގަރުގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ އުމުރުން އެންމެ 22 އަހަރުގެ ސަމްރީން ބުންޏެވެ.

"އަވަށުގައި ދިރިއުޅޭ މީހުންނަށްވުރެ، އެހެން ހިސާބުތަކުން އަހަރަމެންނަށް ޝިކާރަ ކުރާ މިންވަރު މާ ބޮޑު"
ސިމްރީން

މިއީ އަދި ނިމުމެއް ނޫނެވެ. ކަޝްމީރުގެ ރައްޔިތުން އުފުލަންޖެހިފައި ބޮޑެތި އިތުރު ތަކުލީފުތަކެއް އެބަހުއްޓެވެ. ސިމްރީންއަކީވެސް ދިއްލީގައި އިން އޭނާގެ އުޚުތެއްގެ ގާތަށް ދާން ބޭނުންވެފައި އިން ޒުވާނެކެވެ. މުވާސަލާތީ ހިދުމަތްތަކުގެ މެދުކެނޑުމާއެކު ޓިކެޓެއް ނުލިބެއެވެ. ޓިކެޓެއް ބޭނުންނަމަ ދާންޖެހެނީ 20 ކިލޯމީޓަރު ދުރުގައި އޮތް އެއާޕޯޓަށެވެ.

"މަންމަ އިނީ ވަރަށް ހާސްވެފަ. ބައްޕައާއިއެކު ސައިކަލުގައި އެއާޕޯޓަށް ދާންވެސް މަންމަ އުޅެފި. އެކަމަކު، ސިފައިންތައް ފެންނަ ވަރުން އެ ހިތްވަރެއް މަންމައަކަށް ނުލިބޭ"، ސިމްރީން ކިއާދިނެވެ.

ކަޝްމީރަށް ނިސްބަތްވާ ޒުވާން އުމުރުގެ އަންހެން ކުދިންތަކެއް/ފޮޓޯ: ޖިއޯޕޮލިޓިކަލް ނިއުސް އޭޝިއާ

ބަނިޔާދަންކޮށް ހަމުގެ ކުލަ އަލި ބައެއްގެ ގޮތުގައި ކަޝްމީރުގެ އަންހެން ކުދިން ސިފަކުރަމުންދާއިރު، ކަޝްމީރުގެ އަންހެން ކުދިން ސިފަކުރަމުންދަނީ ވަހުޝީ އާލާތެއްގެ ގޮތުގައި ކަމަށް ބުނެ ކަޝްމީރުގެ ޒުވާނުން ދަނީ ޝަކުވާ އުފުލަމުންނެވެ.

އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ބީޖޭޕީއިން ބުނާ ގޮތުގައި ކަޝްމީރަށް ގެނައި ބަދަލުތަކުގެ އެންމެ ބޮޑު ފައިދާ އެއް އޮތް އެއްބަޔަކީ ކަޝްމީރުގެ އަންހެނުންނެވެ. މި ބަދަލީ އަންހެނުންނަށް ހައްގުތަކެއް ކަށަވަރުކޮށްދޭނެ ބަދަލެއް ކަމަށް ބީޖޭޕީއިން ދަނީ އަދިވެސް ބުނަމުންނެވެ. ނަމަވެސް ކަޝްމީރުގެ އަންހެން ރަށްވެހިންގެ ފިކުރު މިއާ މުޅިން ތަފާތެވެ. އެމީހުން ކުރަމުންދާ ތަޖުރިބާތައްވެސް ތަފާތެވެ.

އަންހެނުންނާ އަންހެން ކުދިން ޝިކާރަކޮށް، ޖިންސީ އަޅުންގެ ގޮތުގައި އެމީހުންގެ ނާޖާއިޒު ފައިދާ ނެގުމަކީ ހަނގުރާމަތަކުގައި އާންމުކޮށް ބޭނުންކުރަމުންދާ ހަތިޔާރަކަށްވެފައިވާއިރު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ނަމުގައި ކަޝްމީރުގައި ހަރަކާތްތެރިވަމުންދާ އެތައް ހާސް ސިފައިންނެއްގެ ސަބަބުން ކަޝްމީރުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވަނީ އިންތިހާއަށް ގޮސްފައިވާ ބިރުވެރިކަމެކެވެ.

އިންޑިއާގެ އަސްކަރިއްޔާއަކީ ކަޝްމީރުގައި ރޭޕްކުރުމުގެ ބޮޑު ޖަރީމާއެއް ހިންގި ކަމުގެ ތުހުމަތު އަމާޒުވެފައި އޮތް މުއައްސަސާއެއްކަން ހަނދާން ނެތުނު މީހަކު ކަޝްމީރުގެ ފަސްގަނޑުގައި ނެތެވެ. އެކަމެއް ހިނގީ 1991 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ކަމަށްވީ ނަމަވެސް، އަދާ ޖެހެންދެންވެސް ހައްގު އިންސާފެއް ލިބުނު މީހަކު ނެތެވެ.