އިންޑިއާއާއި ޕާކިސްތާނުންވެސް އެސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމާ މެދު ދައުވާ ކުރަމުން އަންނަ ހޫނުވެފައިވާ ޖައްމު އާއި ކަޝްމީރުގެ މައްސަލަ، ދުނިޔޭގެ އެންމެ މަތީ ޝަރުއީ ބާރުގެ ގޮތުގައި ބަލަމުން އަންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އަށް ހުށަހަޅާނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ، ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް ގާނޫނުން ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލު ނިގުޅައިގަނެ، މާއްދާ 370 އާއި މާއްދާ 35 (ހ)، އިންޑިއާގެ ހިންދޫ ބީޖޭޕީ ސަރުކާރުން އުވާލާ، ސަރަހައްދީ ހައިޖާނުގަނޑެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ކަޝްމީރުގެ މައްސަލަ އައި.ސީ.ޖޭއަށް ހުށަހަޅަން ނިންމިކަން، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މިކަން ކުރަން ނިންމާފައިވަނީ ގާނޫނީ ހުރިހާ ކޮޅަކަކުން މައްސަލަ ބަލާ، ދިރާސާކުރުމަށްފަހުގައި ކަމަށްވެސް ގުރައިޝީ ވަނީ އިޝާރާތް ކުރައްވާފައެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން، ބައި ގަރުނަށްފަހު އދގެ ސަލާމަތީ މަޖިލީހުގައިވެސް ދާދި ފަހުން ވަނީ ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.