ދެކުނު އޭޝިއާ ގައުމުތަކުގެ ގުޅިފައިވާ އިއްތިހާދު "ސާކް"ގެ ފަނޑުވެފައިވާ ރޫހު، ދިރުވާ އާލާކޮށް، ހަރަކާތްތެރި ޖަމިއްޔާއަކަށް އެ ޖަމިއްޔާ ހެދުމުގެ މަގުސަދުގައި، ސާކްގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ނުރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ނޭޕްލާގެ ހާރިޖީ ވަޒީރު ޕްރަދީޕް ޖިޔަވާލީ ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދާނީ، އަންނަ ސެޕްޓެމްބަރު މަހު އެމެރިކާގައި އޮންނަ އދގެ މެމްބަރު ގައުމުތަކުގެ 74 ވަނަ އާންމު ޖަލްސާ (ޔޫއެންޖީއޭ) ސަމިޓްގެ ހަވާސާގައި ކަމަށްވެސް ނޭޕާލްގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ނޭޕާލްގެ ހާރިޖީ ވަޒީރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ސާކް ސަމިޓެއް ބޭއްވުމަށް ނޭޕާލްއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޭޕާލްއަކީ ސާކްގެ ކޯ ޗެއާއެކެވެ. ސާކް ގައުމުތަކުގެ ސަމިޓެއް އެންމެ ފަހުން ބާއްވާފައި ވަނީ 2014 ވަނަ އަހަރު ނޭޕާލްގެ ވެރިރަށް ކަތްމަންޑޫގައެވެ. އެއީ 18 ވަނަ ސަމިޓެވެ. ދެން އައި ސަމިޓް 2016 ވަނަ އަހަރު ޕާކިސްތާނުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކުރެވުނު ނަމަވެސް، އިންޑިއާއިން ބޮއިކޮޓް ކުރުމާއެކު އެ ފަހަރުގެ ސަމިޓް ވަނީ ކެންސަލްކޮށްފައެވެ. އިންޑިއާގެ ނިންމުމަށް ބަންގްލަދޭޝްއާއި އަފްޣާނިސްތާނުންވެސް ވަނީ އެފަހަރު ތާއީދުކޮށްފައެވެ.

އިންޑިއާއިން އެފަހަރުގެ ސަމިޓް ބޮއިކޮޓްކުރީ، އިންޑިއާއާއި ޕާކިސްތާނުވެސް އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާކުރާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް އަމާޒުކޮށް ދިން "ޓެރަރިސްޓް" ހަމަލާއެއްގައި، އިންޑިއާ އަސްކަރިއްޔާގެ 19 ސިފައިންގެ މީހަކު މަރުވި ހާދިސާއާއި ގުޅިގެންނެވެ.

ސާކް ސަރަހައްދުގެ އެންމެ ބޮޑު ގައުމުގެ ގޮތުގައި އޮން އިންޑިއާއިންވަނީ، ޓެރަރިޒަމްއާއި ދެކޮޅަށް ޕާކިސްތާނުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާނަމަ، ކުރިއަށް ހުރި ސާކްގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ.