އިންޑިއާގެ އުތުރުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި، ހިމާޗަލް ޕްރަދޭޝް، އުއްތަރަހާންދް އަދި ޕަންޖާބުން މަރުވި މީހުންގެ އަދަދު 28 އަށް އަރާ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު، 22 އަށް އަރައިފިއެވެ.

ޔަމުނާ ކޯރާ އެނޫންވެސް ކޯރުތައް ނުރައްކާ ދަރަޖައަށް ފުރި، ބަންޑުންވުމުގެ ފުރުސަތު އޮތުމާއެކު ވެރިރަށް ދިއްލީގެ އިތުރުން ހަރްޔާނާއާއި ޕަންޖާބު އަދި އުއްތަރަ ޕްރަދޭޝްގައި ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ އެލާޓްވެސް ދީފައެވެ.

އިންޑިއާގެ ދެކުނު ހިސާބު ތަކަށްވެސް ގަދައަށް ވިއްސާރަ ކުރަމުންދާތާ 2 ހަފުތާއެއްހާ ދުވަސް ވެފައިވާއިރު މަރުވި މީހުންގެ އަދަދު 120 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ގިނަ އަދަދަކަށް ދިވެހިން ދަތުރުކޮށް އުޅޭ ކަރުނާޓަކާ ސްޓޭޓަށްވެސް ގަދަ ވިއްސާރައިގެ އަސަރުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން ދާއިރު، މިއިން ހާދިސާއެއްގައި އެއްވެސް ދިވެއްސަކަށް ނުރައްކަލެއް ކުރިމަތިވިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނެތެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ވަނީ ހާލުގައިޖެހިފައެވެ. ފެންބޮޑުވެ، ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން، އެތައް ސަތޭކަ ފަތުރުވެރިންނަކާ އާންމުންގެ ގިނަ ބަޔަކުވެސް އެކި ސަރަހައްދުތަކުގައި ތާށިވެފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ގަދަވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ކަލްކާއާއި ޝިމްލާގެ ރޭލުދަތުރުތައް މެދުކަނޑާލާފައި ވާއިރު، ޗަންދިގަރު-މަނާލީ ހައިވޭގެ ޓްރެފިކް އޮޕަރޭޝަންތަކަށްވެސް ބުރޫއަރާފައި ވާކަމަށް ޚަބަރު ލިބެއެވެ.

ވެރިރަށް ދިއްލީގެ ހާލަތަށް ބަލާއިރު، ޔަމުނާ ކޯރުގެ ފެންގަނޑު މިއަދުގެ ވަގުތެއްގައި ނުރައްކާ ފާހަގައަށްވުރެ މައްޗަށް އުފުލި، ފެންބޮޑުވުމުގެ ނުރައްކާ އޮތްކަމަށް ބުނެ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބިންތިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ގޮވާލާފައެވެ.

ޗެންނާއީއަށްވެސް ގަދަވިއްސާރައިގެ އަސަރު ކުރަމުން ދާއިރު، ކުރިއަށް އޮތް ވަގުތުތަކުގައިވެސް މިކަން ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އޮފީހުންވަނީ ލަފާކޮށްފައެވެ.