ބޮލީވުޑާއި ހޮލީވުޑްގައި ކަނހިނގަމުންދާ ގޮތް އެއްގޮތަކަށްވެސް ކަމު ނުދާކަމަށް، ފިރިމީހާއާ އެކު ފިލްމް "83"ގެ ޝޫޓިންގްގައި މިވަގުތު އިނގިރޭސިވިލާތުގެ ލަންޑަންގައި ހުރި އިންޑިއާގެ ފިލްމީ ބަތޮލާ ދިޕިކާ ޕަދުކޯން ބުނެފިއެވެ.

ޕޯޓާ އެޑިޓް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ވަނީ، ބޮލީވުޑްއާއި ހޮލީވުޑް ސިނާއަތުން، ތަރިންނަށް ފިލްމުތައް ދިނުމުގައި ގެންގުޅޭ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ބޮލީވުޑްގެ ފިލްމީ ސިނާއަތުގައި ހުރި މައްސަލަތައް ފާހަގަކުރަމުން ދިޕިކީ ބުނީ އެމީހަކާ އެމީހެއްގެ އުސޫލުން ކަން ހިނގަމުންދާކަމަށާ، ނުފޫޒު ގަދަ، ފަންނުވެރި ތަރިންވެސް އެމީހުން ބޭނުންވާ ކަމެއްގެ ބޭރުން އިތުރަށް ކަމެއް ކުރަން ނުއުޅޭތީ ބައެއް ފަހަރު އިންތިހާއަށް ރުޅިގަދަ ވާކަމަށެވެ. އެއީ ކޮންމެ މީހެއްގެވެސް ޒާތީ ކަމެއް ކަމުގައި ގަބޫލުކުރާ ކަމަށާ، ނަމަވެސް އެކަން އެހެން އޮތުމުން އިންތިހާއަށް ދެރަވާކަމަށްވެސް ދިޕިކާ ވަނީ ބުނެފައެވެ.

ހޮލީވުޑްގެ ސިނާއަތުގައި ހުރި މައްސަލަތައް ފާހަގަކުރަމުން ދިޕިކާ ބުނީ، ހޮލީވުޑްއިން އޭނާއަށް އަންނަ ހުށަހެޅުންތައް މުޅިންވެސް ބަރޯސާވެފައިވަނީ އޭނާގެ ނަސްލުގެ މައްޗަށް ކަމަށެވެ. އެގޮތުން މުޅިންހެންވެސް ލިބިފައި ހުންނަނީ "ސައިޑް" ރޯލުތައްކަމަށް ބުނެ، ދިޕިކާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ދިޕިކާގެ މަސައްކަތެއް ދެން އެންމެ އަވަހަށްވެސް ފެންނާނީ އެސިޑް ހަމަލާގެ އަނިޔާތައް ތަހައްމަލުކުރަމުންދާ ލަކްޝްމީ އަގަރުވާލުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް "ޗަޕާކް" އިންނެވެ. މީގެ އިތުރުން ދިޕިކާ ދަނީ، އިންޑިއާގެ ކުރިކެޓް ޝަހްސް ކަޕީލް ދޭވްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް "83"ގައި ކަޕީލްގެ އަންހެނުންގެ ރޯލުވެސް އަދާކުރަމުންނެވެ. މި ފިލްމުގައި ކަޕީލްގެ ރޯލުން ފެނިގެންދާނީ ދިޕިކާގެ ހަޔާތުގެ ބައިވެރިޔާ ރަންވީރު ސިންހްއެވެ.