ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުން ދިޔަ ބޮޑު އޮފަރޭޝަނެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ފަސް މީީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި މި މީހުން އަތުލައިގަނެފައިވަނީ 6 ކިލޯގެ މަސްތުވާ ތަކެއްޗާއެކު އެވެ. މިދިޔަ މަހު 31 ވަނަ ދުވަހު އެ ފަސް މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، އެ މުއްދަތުވަނީ އިއްޔެ ހަމަވެފަ އެވެ. މިކަަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން، ކްރިމިނަލް ކޯޓުންވަނީ މި މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފައި ކަމަށެވެ.

މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކުރި ފަސް މީހުންނަކީ، ސ. ހިތަދޫ އަށް ނިސްބަތްވާ ތިން މީހަކާއި ހއ. ހޯރަފުށްޓަށް ނިސްބަތްވާ ދެ މީހެކެވެ. އޭގެތެރެއިން ސ. ހިތަދޫ، ފިރިފައު އަބްދުﷲ އިބްރާހިމަކީ، ފުޅާ ދާއިރާއެއްގައި މަސްތުވަތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ފާހަގަކޮށްފައި ވެއެވެ. އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 8 ފަހަރު ހައްޔަރު ކޮށްފައެވެ. ސ. ހިތަދޫ، ހުދުވެލި އަލީ ހަސަނަކީ މަސްތުވާތަކެތީގެ މައްސަލަަތަކުގައި 9 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. ސ. ހިތަދޫ، ޕޫލްބަހާރު، މުހައްމަދު ފައިސަލަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 2 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.

ހއ. ހޯރަފުށި، ރަންމުލި، އަހްމަދު ރައޫފަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 1 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި ހއ. ހޯރަފުށި، އާރޯ، އަހްމަދު މަމްދޫހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެއްފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރު ކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕްރޭޝަން ހިންގީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓަލިޖެންސް ޑިޕާޓްމަންޓް އަދި އަޕާ ނޯތް ޑިވިޝަނާއި ގުޅިގެންނެވެ.