ޅ. ހިންނަވަރުގައި ކުރިއަށް ދިޔަ އީދު ޝޯގައި ރޭ ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތުދޭ ގޮތުގައި ހިންނަވަރުގައި ރޭގެ އީދު ޝޯ ބަލަން ތިބި ބައެއް މީހުންގެ ތެރޭގައި ހަމަނުޖެހުން އުފެދިގެން ދިޔައީ ދެ ރަށެއްގެ ބައެއްގެ ދެމެދުގައި ކަމަށެވެ. އަދި އެ މީހުން ޒުވާބުކޮށް ޝޯގައި ހަމަނުޖެހުން ހިންގާފައި ވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ހަމަނުޖެހުން އުފެދުނީ ކޮން ސަބަބަކާ ހުރެ ކަމެއް މައުލޫމާތު ލިބިފައެއް ނުވެއެވެ. މި ހަމަނުޖެހުން ހިނގައިދިޔަ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 00:18 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ރޭގެ ޝޯގައި ހަމަނުޖެހުން ހިންގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު، ހަމަނުޖެހުން ހިންގި ސަރަހައްދަށް ދިޔަ ކަމަށާ އަދި އެމީހުންގެ ތެރޭގައި އުފެދުނު ހަމަނުޖެހުން ކޮންޓްރޯލް ކޮށް، ހަމަނުޖެހުން އުފެއްދި މީހުން އެ ސަރަހައްދުން ފޮނުވާލާފައި ވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އީދު ކޮޅިވަރާ ގުޅިގެން ހިނގާފައި ހުރި ބައެއް ހަމަ ނުޖެހުމަށް ބަލާއިރު، ފެންކުޅި ކުޅުމުގެ ތެރޭގައާއި ކުލަ ޖެހުމުގެ ތެރޭގައި ހިތްހަމަ ނުޖެހިގެން ޒުވާބު ހިނގުން ފަދަ ކަންކަން މިއީދު ތެރޭގައި ވަނީ ހިނގާފައެވެ. އަދި ތ. ވޭމަންޑޫގައި އަންހެނެއްގެ ގައިގައި ފިރިހެނަކު ބައްދާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމަށް ބުނާ ހާދިސާއަކާއި، ރ. މަޑުއްވަރީގައި ސައިކަލެއްގައި މީހަކު ދަނިކޮށް ފެން ޖެހުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގި މައްސަލައެއް ވަނީ ފާހަގަ ކުރެވިފައެވެ.