އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރާގައި މިމަހު އެކަނިވެސް 270 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މޫސުމީ ގަދަ ވިއްސާރަކުރަމުގެ ސަބަބުން 6 ސްޓޭޓެއްގެ އެތައް ހާސް ގެއެއް ފެނު އަޑިއަށް ގޮސްފައިވާފައިރު، މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ޚަބަރުދެއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހާ ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވާ މުއްދަތަކީ މުޅި އަހަރު ދުވަހުގެ ތެރޭގައިވެސް އިންޑިއާއަށް ކުރާ ވިއްސާރައިގެ 70 ޕަސެންޓް ވާރޭ ވެހޭ ދުވަސްވަރަށް ވާއިރު، މި ވިއްސާރާގައި ކޮންމެ އަހަރަކުވެސް އެތައް ބަޔަކު މަރުވުމުގެ އިތުރުން ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ މޫސުމީ ގަދަވިއްސާރައިގެ އަސަރު ކުރަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ދެކުނުން ކެރެލާ އަދި ކަރުނާޓަކާގެ އިތުރުން ހުޅަނގުން، މަހާރާޝްތްރާ އަދި ގުޖުރާރު ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގާ، ކުރިއަށް އޮތް 2 ދުވަސްވެސް ވެގެންދާނީ ކެރެލާއާއި މަހާރާޝްތްރާ އަދި ގުޖުރާތުގެ އިތުރުން މެދުތެރޭ ހިސާބުން މަދްޔާ ޕްރަދޭޝްއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ 2 ދުވަހަށްކަމަށެވެ.