ހޮންކޮންގުގައި މިހާރު ކުރިއަށްދާ މުޒާހަރާތައް އިތުރަށް ވަރުގަދަވުމުގެ ސަބަބުން ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓު އަނެއްކާވެސް ބަންދުކޮށްފިއެވެ. މީގެކުރިންވެސް މި އެއާޕޯޓު ވަނީ މުޒާހަރާއާ ގުޅިގެން ބަންދުކޮށްފައެވެ.

ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާތައް ކުރަމުންދާތާ ފަސް ދުވަސް ވެފައި ވާއިރު މުޒާހަރާގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓުތައް ވަނީ އިއްޔެ ކެންސަލްވެސް ކޮށްފައެވެ. މުޒާހަރާތަކާ ގުޅިގެން އިއްޔެވެސް އެއާޕޯޓު ބަންދުކުރިއެވެ. ނަމަވެސް މިއަދު ހެނދުނުގެ ވަގުތެއްގައި އެއާޕޯޓު އަލުން ހުޅުވިއެވެ. އެކަމަކު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދެވަނަ ފަހަރަށް އެއާޕޯޓު ބަންދުކުރިއެވެ.

މުޒާހަރާ ކުރަމުންދިޔަ ބައެއް ބައިވެރިން ބުނެފައިވަނީ ހޮންގް ކޮންގް އެއާޕޯޓު ބަންދުކުރީ އެތަނަށް ދުވާލެއްގެ މައްޗަށް އެތައް ހާސް ފަތުރުވެރިންނާއި، ފުރާ މީހުން އަންނާނެތީ، ފުލުހުން ބާރުގެ ބޭނުންކޮށްގެން އެމީހުން އެތަނުން ނެރެލުމަށް މަސައްކަތް ނުކުރާނެ ކަމަށް ބަލާފައެވެ.

މުޒާހަރާ ކުރަމުންދާ އެތައް ހާސް ބައިވެރިންނެއް ވަނީ އެއާޕޯޓުގެ ޑިޕާޗާ ސަރަހައްދު އެއްކޮށް ބަންދުކޮށްލާފައެވެ. އެކަމުގެ ސަބަބުން އެއާޕޯޓުން ޗެކިން ކުރުން ހުއްޓާލިއެވެ. އަދި ޕަސިންޖަރުން ޓާމިނަލުން ނިކުތުމަށްވެސް އިލްތިމާސްކުރިއެވެ.

މުޒާހަރާތަކާއި ގުޅިގެން ނުފުރިފައި ތިބި ބައެއް މީހުން ދެކޭ ގޮތުގައި މިއީ މުޒާހަރާ ކުރަން ކޮންމެހެންވެސް ޖެހޭ ކަމެކެވެ. ނަމަވެސް އަނެއް ބައި މީހުން ދެކެނީ މިއީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ފުލުހެއްކަމަށް ޝައްކު ކުރެވުނު މީހެއް ބަނދެ ހައްޔަރުކޮށްފައިވާ ކަމަށްވެސް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ހޮންކޮންގްގައި ކުރިއަށް ގެންދާ މި މުޒާހާރާތަކަކީ ކުށްވެރިން ޗައިނާއާ ހަވާލުކުރަން ފާސްކުރަން އުޅުނު ބިލަކާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. މި މުޒާހަރާތައް ކުރިއަށް ގެންދާތާ ދެ މަހެއްހާ ދުވަސް ވެފައި ވާއިރު މުޒާހަރާތަކާ ގުޅިގެން ބިލު ފާސްކުރުން ވަނީ މަޑުވެސް ޖައްސާލައިފައެވެ.

ހޮންގް ކޮންގް އިންޓާނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބާރު ބޮޑު އެއް އެއާޕޯޓެވެ. ދުވާލެއްގެ މައްޗަށް ހޮންގް ކޮންގް އެއާޕޯޓުން 1،100 ފްލައިޓް 200 މަންޒިލަކަށް ދަތުރު ކުރެއެވެ.

މިއީ ހޮންގް ކޮންގްއިން ދަތުރުކުރަން ބޭނުންވެފައިވާ އެތައް ބަޔަކަށް ލިބުނު ގެއްލުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.