މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ އައްޑޫ ސިޓީ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، އައްޑޫ އަށް 114 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު، ފުވައްމުލަކަށް ވަނީ 95 މިލިމީޓަރު ވާރޭ ވެހިފައެވެ. އަދި ވ. ރަކީދޫ އަށް ވެސް ވަނީ 69 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެންމެ ވައިގަދަ ވެފައި ވަނީ ގދ. ކާޑެއްދޫ އަށެވެ. އެއީ ގަޑިއަކު 55 މޭލު ބާރު މިނުގައެވެ. މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސް ވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.

އެގޮތުން، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަ ވާނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވާއިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން އެތައް ހާދިސާއެއް ހިނގާފައެވެ. އެގޮތުން ރާއްޖޭގެ ދެކުނުގައި އޮތް، ހުވަދު އަތޮޅާއި އައްްޑޫ ސިޓީ އަދި ފުވައްމުލަކުގެ ބައެއް ގޭގޭގެ ފުރާޅު ވަޔާ އެއްލާލާފައި ވާއިރު، ކަނޑު މަތީގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.

އެގޮތުން، އިއްޔެ ހަވީރު 5 ޖަހާކަން ހާއިރު ކެނޯއެއްގައި ވިލިމާލެ ފަރުމައްޗަށް ނުކުތް ދެމީހަކު ގެއްލިގެން ހޯދަނިކޮށް އެ ދެމީހުން ވަނީ ރޭ މެންދަމު 3 ޖެހި ފަހުން ހުޅުމާލެއިން ފެނިފައެވެ. އެމީހުންނާ ހަވާލާދީ ފުލުހުން ބުނީ ދެމީހުން ކެނޯގައި ވިލިމާލެ ފަރުމައްޗަށް ނުކުމެގެން އުޅެނިކޮށް އައި ބާރު ކޮޅިގަނޑެއްގައި ކެނޯއާ އެކު އޮޔާ ދިޔައީ ކަމަށެވެ. އަދި ހުޅުމާލެ ފަތާ ޓްރެކާ ދިމާއަށް ގާތް ވުމުން ފަތާފައި ހުޅުމާލެއަށް އެރީ ކަމަށެވެ.