އިއްޔެ ހަވީރު 5 ޖަހާކަން ހާއިރު ކެނޯގައި ނުކުތް ދެމީހަކު ގެއްލިގެން ހޯދަނިކޮށް އެ ދެމީހުން ހުޅުމާލެއިން ފެނިއްޖެއެވެ. ފުލުހުން އަދި އެމްއެންޑީއެފުން ބުނީ އެ ދެ މީހުން ހުޅުމާލެއަށް އެރީ ރޭ ދަންވަރު 3 ޖެހި ފަހުން ކަމަށެވެ.

އެމީހުންނާ ހަވާލާދީ ފުލުހުން ބުނީ ދެމީހުން ކެނޯގައި ވިލިމާލެ ފަރުމައްޗަށް ނުކުމެގެން އުޅެނިކޮށް އައި ބާރު ކޮޅިގަނޑެއްގައި ކެނޯއާ އެކު ކަހާލައިގެން ދިޔައީ ކަމަށެވެ. އަދި ހުޅުމާލެ ފަތާ ޓްރެކާ ދިމާއަށް ގާތް ވުމުން ފަތާފައި ހުޅުމާލެއަށް އެރީ ކަމަށެވެ.

ފުލުހުން ހާމަ ކޮށްފައި ވާގޮތުގައި ދެމީހުންގެ ހާލުވެސް ރަނގަޅެވެ.

ރޭ ކެނޯގައި ދިޔަ ދެމީހުންގެ ތެރެއިން އެކަކީ، ކުރިން ފުލުސް އޮފީހުގައި އުޅުނު ޝިފާއު (ވަޅޯ ޝިފާއު)ގެ ދަރިއަކާއި، އަދި ފުލުހެއް ކަމަށް ވަނީ މައުލޫމާރު ލިބިފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރެކެވެ. މެޓް އޮފީހުން ހާމަ ކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އަދި ހާއްސަކޮށް މެދުރާއްޖެތެރޭގެ ރަށްރަށަށް ގަދަ ވަޔާއެކު ކެރީގެ އަސަރު ފޯރާނެއެވެ.