ސީޕްލޭނެއްގައި ތިބި ފަތުރު ވެރިންގެ ބަޔަކު ހާލުގައި ޖެހުމުން ސިފައިންގެ އެހީގައި ފަތުރުވެރިން އެއާޕޯޓަށް ގެންގޮސްދީފިއެވެ. އެމްއެމްޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދޭ ގޮތުގައި ހާލުގައި ޖެހުނީ ށ އަތޮޅު ފެއާ މައުންޓް ރިސޯޓުން އެއާޕޯޓަށް ދަތުރު ކުރި ޓީއެމްއޭގެ ބޯޓެކެވެ.

މޫސުން ގޯސްވެ ދަތުރު ނުކުރެވުމުން ބޯޓު މާލެއަތޮޅު ހުރާ ކައިރިއަށް ޖެއްސުމުން ހާލުގައި ޖެހުނީ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ބޯޓު ހާލުގައި ޖެހުނީ މިއަދު ހަވީރު 5:30 ހާއިރުއެވެ. އަދި ސީޕްލޭނުގައި ތިބި ފަތުރުވެރިން އެއާޕޯޓަށް ގެންދެވުނީ މިރޭ 10 އެއް ޖެހި ފަހުން ކަމަށް ކޯސްޓްގާޑުން ބުނެއެވެ.

މޫސުން ގޯސްވެ މިއަދު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ވިލިމާލެ ކައިރީ ކެނޯ ދުއްވަން ނުކުތް ދެމީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޑިންގީއެއް ބަންޑުން ޖަހާލުމުގެ ހާދިސާ އަކާއި، ލޯންޗެއްގައި ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހުމުގެ ހާދިސާއަކާއި، ސީޕްލޭނެއް ޕްލެޓްފޯމާއެކު ކަހާލައިގެން ގޮސް ސަޕްލައި ދޯންޏެއްގައި ޖެހި ބޯޓަށް ގެއްލުން ލިބުނު ހާދިސާއެއް ވަނީ ހިނގާފައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ބާރު ވައިގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.