ގދ އަތޮޅަށް ކުރަމުންދާ ވިއްސާރާގައި އެއަތޮޅު ރޮބިންސަން ރިސޯޓުގައި އަޅާފައި އޮތް ސަޕްލައި ދޯނި ގެއްލިގެން ހޯދަނިކޮށް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ ދޯނި ފެނުނީ ހޯދަމުން ދަނިކޮން މިއަދު ހެނދުނު 10:30 ހާ އިރު ހިރުފުށި ކައިރިން ކަމަށެވެ.

މި ދޯނި ފެނުނީ ރޮބިންސަން ރިސޯޓުގެ ލޯންޗަކަށެވެ.

ގެއްލުނު "ނޫރު" ނަމަކަށް ކިޔާ ދޯންޏަކީ 75 ފޫޓު ހުންނަ ސަޕްލައި ދޯންޏެވެ. ދޯނި ގެއްލުނީ ވިއްސާރައިގައި ވައި ގަދަވެ ނަގިލި ކަހާލައިގެންނެވެ.

މިހާދިސާ ހިނގި އިރު ދޯނީގައި އެއްވެސް މީހަކު ނެތް ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ގދ އަތޮޅަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެއަތޮޅު ހޯޑެއްދޫ ބަނދަރުމަތީގައި ބަހައްޓާފައި ހުރި ފެން އަޅާ ބޮޑު ދެ ކަޅުހަންވެސް ވަޔާ ގޮސް މޫދަށް ވެއްޓި އޮޔާ ދާ ކަމަށް ފުލުހުން މައުލުމާތު ދެއެވެ.

ވައިގަދަވެ ވިއްސާރަ ވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލު ވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ މަތީގައި އުފެދިފައި އޮތް ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެވެ.