ދާހިލީ ހަނގުރާމައެއް ދިގުލާ ގޮސްފައިވާ ޔަމަނުގެ މައި ސަރުކާރުގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގެންފައިވާ ސަރުކާރަށް ނިސްބަތްވާ ރިޔާސީ ގަނޑުވާރާ، އަސްކަރީ ބޭސްތައް، ވަކިވެގަތުމަށް މަސައްކަތްކުރަމުންދާ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.

އެކުވެރި ޢަރަބި އިމާރާތުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވަމުންދާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތުގެ ތަރުޖަމާނަކު ބުނީ، ބައިނަލްއަގުވާމީ މުޖުތަމައުން ޔަމަނުގެ ރައީސްގެ ގޮތުގައި ބަލައިގެންފައިވާ ޢަބްދުއް ރައްބު މަންސޫރު ހާދީގެ "މާޝިޤް ގަނޑުވަރު"ގެ ކޮންޓްރޯލް ނަގާފައިވަނީ، އެއްވެސް ކަހަލަ ދެކޮޅުވެރިކަމާ ކުރިމަތިލުމެއް ނެތި ކަމަށެވެ.

ވެރިރަށް އެއިޑަންގެ ކޮންޓްރޯލް މިހާރު އޮތީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ބާރުގެ ދަށުގައި ކަމަށްވާއިރު، ހާދީގެ ސަރުކާރުން ދަނީ މިއީ ބަޣާވާތެއް ކަމުގައި ސިފަކުރަމުންނެވެ.

އެއިޑަންގެ ކޮންޓްރޯލް ނަގާފައިވާ ޖަމާއަތަކީ، ޔަމަނުގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަ ކުރަމުންދިޔަ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަންގެ މެމްބަރެކެވެ. ނަމަވެސް ހާދީގެ ސަރުކާރުން ޔަމަނުގެ މުސްތަގުބަލު ތަސައްވުރު ކުރާ ގޮތާ، މި ޖަމާއަތުގެ ފިކުރު ތަފާތުވެ، އެ ކޯލިޝަންގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.