އދގެ ސަލާމަތީ މަޖިލީހަށް ކަޝްމީރުގެ މައްސަލަ ހުށަހެޅުމަށްޓަކައި ފޯރުކޮށްދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ޕާކިސްތާނަށް ފޯރުކޮށްދޭނެ ކަމަށް ޗައިނާއިން ބުނެފައި ވާކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

އެތަނެއްގެ ފުރިހަމަ މިލްކުވެރި ކަމާއެކު އިންޑިއާއާއި ޕާކިސްތާނުން ޒަމާންވީ ހަނގުރާމައެއް ކުރަމުން އަންނަ ޖައްމުއާއި ކަޝްމީރު ސްޓޭޓްގެ އިންޑިއާއާއި ވީ ފަޅީގެ މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް އިންޑިއާ ސަރުކާރުން އެގައުމުގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލުމާ ގުޅިގެން، ޕާކިސްތާނުން ވަނީ ކަޝްމީރުގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ނިންމާ، އެކަން އިއުލާންކޮށްފައެވެ.

ޗައިނާގެ ވެރިރަށް ބީޖީންގްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ގުރައިޝީ ވިދާޅުވީ، ކަޝްމިރުގެ މައްސަލަ ސަލާތީގެ މަޖިލީހަށް ހުށަހެޅުމަށް ޕާކިސްތާނުގެ ސަރުކާރުން ނިންމިކަން ޗައިނާއާއި ހިއްސާކޮށްފައިވާކަމަށާ، އަދި އެކަން ކުރުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާނެކަންވެސް އެގައުމަށް ދަންނަވާފައިވާނެ ކަމަށެވެ.

ދުނިޔޭގެ ނިސްބަތުން މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާގެ އިތުރުން ޕޯލަންޑްގެ އެހީތެރިކަން ހޯދުމަށް އެ ގައުމުތަކަށްވެސް ދަންނަވާނެ ކަން ގުރައިޝީ ވަނީ ހާމަކުރައްވާފައެވެ. މި ދެގައުމަކީ ނުފޫޒުގަދަ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި މިވަގުތު އެ މަޖިލީހުގައި އޮތް ދެ ގައުމެވެ.

ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުންވެސް މަޑުމައިތިރިކަމާ ސުލްހަ އިހުތިޔާރު ކުރުމަށް އދއިން ވަނީ މި ދެގައުމަށް ގޮވާލާފައެވެ.