ޖައްމު އާއި ކަޝްމީރު ސްޓޭޓްގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370 އުވާލުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ކުރި ބޮޑު މުޒާހަރާ ރޫޅާލުމަށް ކަރުނަގޭހާ ޕެލެޓް ގަންގެ ބާރުގެ ބޭނުންކުރި ކަމަށް ދެކެވޭ ވާހަކަތައް، އިންޑިއާ ސަރުކާރުން ދޮގުކޮށްފިއެވެ.

މިދިޔަ ހަފުތާގެ ކުރީކޮޅުން ފެށިގެން ކާފިއު އިއުލާންކޮށްފައި އޮންނަ ކަޝްމީރުގައި އިއްޔެކުރެވުނު ހުކުރު ނަމާދަށްފަހު އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ، އިންޑިއާ ސަރުކާރުގެ ނިންމުމާ ދެކޮޅަށް މުޒާހަރާކުރި ކަމަށާ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިންޑިއާގެ ސަލާމަތީ ބާރުގެ ފުލުހުން، ކަރުނަގޭހާ ޕެލެޓް ގަންގެ ބާރުގެ ބޭނުންކުރިތަން ފެނިފައިވާކަމަށް، ބައިނަލްއަގުވާމީ ޚަބަރުތައް ކުރުމުގައި ގިނަ ބައެއްގެ އިތުރުބާރު ހޯދާފައިވާ ބީބީސީއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިއީ ކަޝްމީރުގެ މުއާސަލާތީ ގުޅުންތައް ކަނޑާލުމަށްފަހު، އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ކަޝްމީރު ގެންދިޔަ ފަހުން އެ ސަރަހައްދުގައި ކުރިއަށްދިޔަ އެންމެ ވަރުގަދަ އެއްވުން ކަމުގައި ސިފަކުރެވެއެވެ.

ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރުގައި 10000އެއްހާ މީހުން މަގުތަކަށް ނިކުމެ މުޒާހަރާކުރަމުންދިޔަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ ސަރުކާރުން ބުނަމުންދަނީ އެފަދަ ކަމެއް ނުހިނގާ ކަމަށާ، އެބުނާ މުޒާހަރާއެއްވެސް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް މަންޒަރު ދުށް މީހުންގެ އިތުރުން ފުލުހުންގެ 2 އޮފިޝަލަކުވެސް ވަނީ މިއީ ހިނގި ކަމެއް ކަން މީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ.

ހަމަނުޖެހުން ކުރިއަށްދިޔައީ އައިވާ ބުރިޖު ކައިރީގައި ކަމަށާ، ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުން ބައެއް އަންހެނުންނާ ކުޑަކުދިން، ކޯރަށް ފުންމާލި ކަމަށްވެސް މަންޒަރު ދުށްމީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން 12 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ފުލުހުންގެ އޮފިސަރަކު ވަނީ މީޑިއާއަށް ވިދާޅުވެފައެވެ.