ނާއިބު ރައީސް އަހްމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރުކުރެވުނު ދުވަހު ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއެޅި މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަލަން ފަށައިފި އެވެ.

މިކަމާ ގުޅިގެން އެމްއެމްސީއިން ނެރުނު ބަޔާނުގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕުރީމް ކޯޓަށް ހާޒިރު ކުރެވުނު އިރު ނޫސްވެރިންގެ މަސައްކަތައް ފުލުހުން ހުރަސްއެޅި ކަމުގެ ޝާކުވަ ކައުންސިލުގެ މެންބަރުންނަށް ލިބިފައިވާ ކަމަށެވެ. އަދި މިހާދިސާގައި ކަން ހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން އެ މައްސަލަ ދިރާސާކުރުމަށް ކައުންސިލުގެ ޖަލްސާއަކުން ފާސްކޮށް، އެކަމަށް ވަނީ ކޮމިޓީއެއްވެސް އެކުލާވާލާފައި ކަމަށާ އަދި ކޮމިޓީއިން އެ މައްސަލަ ބަލަމުންދާ ކަމަށްވެސް އެމްއެމްސީއިން ބުނެއެވެ.

އެމްއެމްސީއިން ބުނީ، ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލައި، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެ ކައުންސިލުގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރުކުރެވުނު ދުވަހު އެތަނުގައި ފޮޓޯ އަދި ވޯޑިއޯ ނަގަން ތިބި ނޫސްވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.