އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްރީލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާ ބަލާއިރު ދެގުނަ ދަށްވެފައި އޮތުމަށް ފަހު، މަޑުމަޑުން ކުރިއަރަން ފަށައިފިއެވެ.

ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 90 ޕަސެންޓް ހިއްސާކުރަނީ އޭޝިއާއާއި ވިލާތުގެ ގައުމުތަކުން ކަމަށްވާއިރު، ޓެރަރިސްޓް ހަމަލާތަކަށްފަހު މި ގައުމުތަކުން ސްރީލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު ދަށަށް ގޮސްފައެވެ.

މިހާރު ހިނގަމުންދާ މާލީ އަހަރު، 2020 ވަނަ އަހަރުގެ މާޗްމަހު ނިމޭއިރު، ސްރީލަންކަން އެއާލައިންސްއަށް ލިބޭ މާލީ ގެއްލުމުގެ އަގު 160 މިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް ސްރީލަންކަން އެއާއިލައިންސްގެ އޮފިޝަލަކު ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ވިދާޅުވެފައެވެ.

މިކަންކަން ހައްލުކުރުމަށް، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ގިނަ ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ. އެގޮތުން އޮން އަރައިވަލް ވިސާގެ ނިޒާމަށް ލުއި ފަސޭހަކަމެއް ގެނައުމާ، ވިސާއަށް އެދި ހުށަހެޅުމުގެ މަރުހަލާތައް ލުއި ފަސޭހަ ކުރުން ފަދަ އިސްލާހީ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ސްރީލަންކާގެ ހޮޓެލްތައް ހިންގާ ބައެއް ފަރާތްތަކުން ބުނީ ޑިސެމްބަރު މަހާ ދިމާކޮށް ލިބޭ ބުކިންގްތައް ރަނގަޅުވަމުން އަންނަކަމަށާ، މިހަރުވެސް 50 ޕަސެންޓް ބުކިންގް ލިބިފައިވާކަމަށެވެ.

ސްރީލަންކާއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ނޮވެމްބަރު މަހާ ޖަނަވަރީ މަހާ ދެމެދުގައެވެ.