ބޮލީވުޑް ފިލްމީ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ނޭޝަނަލް ފިލްމް އެވޯޑްސްގެ 66 ވަނަ އެޑިޝަންގެ އެންމެ މޮޅު ހިންދީ ފިލްމްގެ އެވޯޑް، ސްރީރާމް ރާގަވަންގެ "އަންދާދުން" ގެންގޮސްފިއެވެ.

ނޭޝަނަލް ފިލްމް އެވޯޑްސްގެ 66 ވަނަ އެޑިޝަންގެ އެންމެ މޮޅު ހިންދީ ފިލްމްގެ އެވޯޑް "އަންދާދުން" ގެންގޮސްފައި މިވަނީ، އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބަން (އައި.އެފް.އެފް.އެމް)ގައިވެސް ވަރުގަދަ ކާމިޔާބީތަކެއް ހޯދުމަށްފަހުގައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމުގައި ފެނިގެންދަނީ ލޯފާންކަމަށް ހެދިގެން އުޅޭ ޕިއާނޯ ކުޅޭ މީހަކަށް، ކުރީގެ ފިލްމު އެކްޓަރެއްގެ މަރުގެ މައްސަލައެއްގައި ކުރިމަތިލާންޖެހޭ ގިނަ ތަކުލީފުތަކެކެވެ.

ނެޓްފްލިކްސް މިހާރުވެސް ސްޓްރީމްކޮށްލެވޭ ފިލްމް "އަންދާދުން"އިން ފެނިގެންދާ ތަރިންގެ ތެރޭގައި، އަޔޫޝްމަން ކުރާނާ، ރާދިކާ އާޕްތޭ އަދި އަނިލް ދާވަން އާއި ތާބޫ ފާހަގަކޮށްލެވެއެވެ.