އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ކޮޗިން އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ.

ކެރެލާ ސްޓޭޓްގައި އޮޕަރޭޓްކުރާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވަނީ އޯގަސްޓް 11 ވާ އާދީއްތަ ދުވަހުގެ މެންދުރުން އަނބުރާ 03:00 ގެ ނިޔަލަށެވެ.

ކެރެލާގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ އެ ސްޓޭޓްގެ ބައެއް ހިސާބުތަކަށް ރެޑް އެލާޓްވެސް ނެރެފައެވެ. އަދި އަނެއް ބައި ހިސާބުތަކަށް އޮރެންޖް އެލާޓްވެސް ވަނީ ނެރެފައެވެ.

އިންޑިއާގެ ގައުމީ ކާރިސާތަކާ ބެހޭ ކޮމިޓީއިންވަނީ މަހާރާޝްތްރާ، ކަރުނާޓަކާ، ކެރެލާ، އަދި ގުޖުރާޓު ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައާއި، ވިއްސާރައިގެ ސަބަބުން ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.