ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް ޝައްކު ކުރެވޭ ޓްރާންސެކްޝަނެއްގެ މައުލޫމާތު އެންގީ އެ ފައިސާއެއް އެކައުންޓަށް ޖަމާކުރި ފަހުން ކަމަށް އެމްއެމްއޭގެ ކުރީގެ އެސިސްޓެންޓް ގަވަރުނަރު އަދި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު ވިދާޅުވެއްޖެއެވެ.

ނީޒާ އެ ވިދާޅުވި ޝައްކު ކުރެވޭ ޓްރާންސެކްޝަނަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާއެވެ. އެކަމާ ގުޅޭގޮތުން ބީއެމްއެލްއިން މާލިއްޔަތު ކޮމެޓީގައި ދެއްކި ވާހަކަތަކާއި ގުޅިގެން ނީޒާއަށް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އަދި ނީޒާ ވަނީ އެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އެދިފައެވެ. އެހެންކަމުން މަޖިލީހުން ވަނީ އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާފައެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ނީޒާ ވިދާޅުވީ ބީއެމްއެލްއިން އެފްއައިޔޫއަށް ރިޕޯޓު ކުރިއިރު ޑިޕޮސިޓް ކުރި ފައިސާވެސް ނަގަން ގޮސްފައިވާ ކަމަށެވެ. ނީޒާ ވިދާޅުވީ އެ ފައިސާ ޖަމާކުރީ 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި އެކަން ބީއެމްއެލްއިން އަންގާފައިވަނީ އޭގެ ދެ ދުވަސް ފަހުން ކަމަށް ނީޒާ ވިދާޅުވިއެވެ.

ނީޒާ ވިދާޅުވީ ޖަމާކުރާ ފައިސާ ބޭންކުން ނަގާ ވަގުތެއް މުހިންމު ނުވާނެ ކަމަށާ މުހިންމު ވާނީ އެ ފައިސާއެއް ބޭންކަށް ޖަމާކުރާ ވަގުތު ކަމަށެވެ. ނީޒާ ވިދާޅުވީ އެންމެ އެސްޓީއާރެއް ފޮނުވުމުން ބޭންކުގެ ޒިންމާ އެކަމުގައި ނުނިމޭނެ ކަމަށެވެ. އެހެންކަމުން ޝައްކު ކުރެވޭ ކޮންމެ މުއާމަލާތެއްވެސް އެފްއައިޔޫއަށް ރިޕޯޓު ކުރަން ޖެހޭނެ ކަމަށް ނީޒާ ވިދާޅުވިއެވެ.

ނީޒާ ވިދާޅުވީ އޭނާ އެފްއައިޔޫއާ ހަވާލުވެވަޑައިގަތީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެ ޔުނިޓާއި ހަވާލުވެވަޑައިގަތީ އެވަގުތު އެ ޔުނިޓުގެ އިސްވެރިޔާ ޗުއްޓީގައި ހުންނެވުމުން ކަމަށެވެ. އޭރު އެފްއައިޔޫގެ ވެރިއަކީ އާތިފް ޝަކޫރެވެ. ނީޒާ ވިދާޅުވި ގޮތުގައި އޭނާ އެފްއައިޔޫއާ ހަވާލުވެވަޑައިގަތީ ދެ ހަފްތާއެއްހާ ދުވަހަށެވެ.

ނިޒާ ވިދާޅުވީ ހިޔާނާތުގެ ކަންކަން ހިނގާދިޔަ ފަހުން ބީއެމްއެލްއަށް ތަހުގީގީ އިދާރާތަކުން ވަދެ ތަހުގީގުކުރި ކަމަށެވެ. އަދި އޭރު ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއާ އޭރުގެ ގަވަރުނަރު އަޒީމާއާ އެކު ބައްދަލުކުރެއްވި ކަމަށްވެސް ނީޒާ ވިދާޅުވި އެވެ.

އެ ބައްދަލުވުމަށްފަހު އަޒީމާ އޭނާ ގާތުގައި، ބީއެމްއެލްއަށް ޖަމާކޮށްފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ ދޫކުރުމަށް ނީޒާ އެންގެވި ކަމަށް ބީއެމްއެލްގެ ސީއީއޯއަށް އެބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފަށް މެއިލްއަކުން ދަންނަވާފައިވާ ކަމަށް އެންޑްރޫ އަޒީމާ ގާތު ވިދާޅުވި ކަމަށް ބުނެއެވެ.

ނީޒާ ވިދާޅުވީ އެމްއެމްއޭގައި އޭނާ މަސައްކަތް ކުރެއްވީ މިނިވަން ކަމާއި އެކުގައި ކަމަށެވެ. އަދި ހުދު އެފްއައިޔޫވެސް ހިންގަމުން ދިޔައީ މިނިވަން ކަމާއި އެކުގައި ކަމަށް ނީޒާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފްއައިޔޫގެ ވެރިޔާ ގަވަރުނަރު އައްޔަން ކުރެއްވި ނަމަވެސް އެތަނުގެ މަސައްކަތްތައް ކުރަމުންދަނީ މިނިވަން ކަމާއި އެކުގައި ކަމަށެވެ.