ރިޝްވަތު ނަގައިގެން ގއ. ވިލިނގިލީގައި ތެޔޮ ވިއްކަމުންދާ "ޒަލްދާން އޮއިލް ސަޕްލައިސް" އަށް އިތުރު 10 އަހަރަށް ބިން ދޫކުރި ކަމަށް ބުނާ މައްސަލައެއް ބެލުމަށް ފަހު އެރަށު ކައުންސިލް މެންބަރުންނަށް ފިޔަވަޅު އަޅައިިދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ލޯކަލް ގަވަމަންޓް އޮތޯރިޓީގައި އެދިއްޖެއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރަމުންދާ ޒަލްދާން އޮއިލް ސަޕްލައިސް ނަކަމަށް ކިޔާ ތަނަކީ ވިލިނގިލި ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި އާއިލީ ގޮތުންނާއި ސިޔާސީ ގޮތުން ގުޅުން އޮތް ފަރާތެއް ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެބިމާ ގުޅިގެން ބައެއް ކައުންސިލަރުން ރިޝްވަތުގެ ގޮތުގައި ޒަލްދާނުން ފައިސާ ނަގާފައިވާ ކަމަށާ، އެ ކައުންސިލަރުންގެ އަމިއްލަ މަސްލަހަތާއި ފައިދާއަށް އިއުލާން ކުރުމެއް ނެތި އެބިމުގެ މުއްދަތު އިތުރުކުރަން ރާވަމުންދާ ކަމަށް ބުނެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅުނު ކަމަށެވެ.
އަދި މި މައްސަލަ ބެލި އިރު ފާހަގަވި ކަންތައްތަކުގެ ތެރޭގައި ޒަލްދާން އަށް 15 އަހަރު ދުވަހަށް 8 މެއި 2002 ގައި ކުއްޔަށް ދީފައިވާ މުއްދަތު 7 މެއި 2017 ގައި ހަމަވެފައިވާ އިރު، “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަން ކުރުމާ ބެހޭ ގަވާއިދު” ގެ ދަށުން އެބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަ ނުދެވޭނެތީ، އެބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލުމަށް 24 މެއި 2017 ގައި އެ ކައުންސިލުން ނިންމާފައި ވާކަމަށް ބުނެފައި ވެއެވެ.
އަދި އެބިމުގެ ކުލީގެ ގޮތުގައި ޒަލްދާން އިން ދައްކަންޖެހޭ ފައިސާ ވިލިނގިލި ކައުންސިލްގެ އިދާރާއަށް ދައްކާފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.
އެބިމުގެ މުއްދަތު ހަމަވުމުން އެބިން ޒަލްދާން އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދަން ވިލިނގިލި ކައުންސިލުން ނިންމާފައިވީ ނަމަވެސް، އެބިން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވިތާ އަހަރުތަކެއް ފާއިތުވެގެން ގޮސްފައި ވާއިރު، އަދި އެބިން ޒަލްދާން އޮއިލް ސަޕްލައިސްއިން ބޭނުން ކުރަމުން ދަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމުގައިވާއިރު ވެސް، އެބިން ވިލިނގިލި ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް މިހާތަނަށް ގެންގޮސްފައި ނުވާކަމަށް އޭސީސީން ބުނެއެވެ.
އަދި މިކަންކަން ފާހަގަވެގެން އެބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދިއުމަށާ، އެބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން ހޯދުމަށް އަންގާފައިވާނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް، އެ ކޮމިޝަނުގެ އެންގުމާ ހިލާފަށް އަދި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެބިން އިތުރު 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ވިލިނގިލި ކައުންސިލުން ނިންމާފައި ވާކަމަށް އޭސީސީން ބުނެއެވެ. އަދި އޭސީސީގެ އެންގުމަށް އަމަލު ނުކުރާތީ އެމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭސީސީން ބަލާ އެކަމުގައި ޝާމިލުވާ ކައުންސިލަރުންނާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ތަކުރާރުކޮށް ކައުންސިލްގައި ބުނެފައިވާނެ ކަމަށް އޭސީސީން ބުނެެވެ.
މީގެ އިތުރުން، ކޮމިޝަނުގެ އެންގުމާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ވިލިނގިލި ކައުންސިލުގެ ބައެއް ކައުންސިލަރުން އަމަލުކޮށްފައި ވާތީ، އެ ކައުންސިލަރުންނާ މެދު ވީހާވެސް އަވަހަށް ފިޔަވަޅު އެޅުއްވުމަށް ކައުންސިލްތަކުގެ ބެލެނެވެރި ފަރާތްކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި އެދިފައި ވާނެކަމަށް އޭސީސީން ބުނެއެވެ.
އަދި ޒަލްދާން އިން ތެލުގެ ވިޔަފާރި ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމުގައިވާތީ، އެކަން ބަލާ ޒަލްދާންއާ މެދު ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގައި އޭސީސީން ވަނީ އެދިފައެވެ.