އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން އދ. ދަނގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ބީއެމްއެލް އިން ހަދިޔާ ކޮށްފިއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

ދަނގެތީގައި އިފްތިތާހު ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ޕްރޮޖެކްޓަކީ މި ގޮތުން އިފްތިތާހު ކުރެވިގެން ދިޔަ ތިންވަނަ ޕްރޮޖެކްޓެވެ. ދަނގެތީގައި މިކަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެރަށުގެ ކޮންމެ ގެއަކަށާއި، މުއައްސަސާތަކަށާއި، ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ތިމާވެށްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރަން ފަށާފައެވެ. މީގެ އިތުރުން އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ގުޅޭ ގޮތުން ޒީރޯ ވޭސްޓް އެމްވީ ގެ ފަރާތުން ދަނގެތި ސްކޫލު ކުދިންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއްވެސް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް' ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެކެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އދ. ދަނގެތިީ ކޮނަމެ ގެއަކަށް ހަދިޔާ ކުރި ތިމާވެއްޓާ ރައްޓެހި ކޮތަޅު--

މި ޕްރޮޖެކްޓާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ތިމާވެށި ހިމާޔަތް ކުރުމާ އަދި ތިމާވެށްޓާ ރަށްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބު ކަމާއެކީ ކުރިއަށް ގޮސް ދަނގެއްޗަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މުޖުތަމައަށް އެހީތެރިވުމަށް ބީއެމްއެލުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތް ތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށް ދީފައެވެ.