ޑެންގޫ ހުމުގެ ބަލިމަޑުކަން ގައުމީ ފެންވަރުގައި ނުރައްކާ ދަރަޖައަކަށް ފެތުރެމުންދާކަމަށް ފިލިޕީންސްގެ ސަރުކާރުން އިއުލާންކޮށްފިއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާ ހިސާބަށް އައިއިރު ޑެންގޫ ހުން ޖެހިގެން 600 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. އަދި މި ބަލިޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ޖަނަވަރީ މަހާ ޖުލައި މަހާ ދެމެދު، 140000އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 98 ޕަސެންޓް އިތުރު އަދަދެކެވެ. ހަފުތާއަކު އެވަރޭޖުކޮށް 5000 އަށްވުރެ ޑެންގޫ ކޭސް ރެކޯޑް ކުރެވޭކަމަށް ފިލިޕީންސްއިން ބުނެއެވެ.

ފިލީޕީންސްގެ ސިއްހަތާ ބެހޭ ވަޒީރު ފްރެންޗެސްކޯ ޑޫގޫ-3 ވިދާޅުވީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެގައުމުގައި މިހާރު ހާއްސަ ކެމްޕޭނެއް ފަށާފައިވާކަމަށެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގޫ ހުމަކީ ވިއްސާރަކުރާ، އަދި ހޫނުގަދަ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރިގެންދާ ނުރައްކާތެރި ހުމެކެވެ. ޑެންގޫގެ އަލާމާތްތަކުގެ ތެރޭގައި ހުޅުހުޅުގައި ރިއްސުން، މޭނުބައިކުރުން، ހޮޑުލުން، ގައިގެ ތަންތަން ރަތްވެ ބިހިގަނޑެއް ގޮތަށް ފާރުވުން ފަދަ އަލާމަތްތައް ހިމެނެއެވެ. އެންމެ ނުރައްކާ ދަރަޖައަށް ދިއުމުން ނޭވާލާން އުނދަގޫވުމާ، ގައިތެރެއަށް ލޭއެޅުމާ، އެތެރެހަށީގެ ގުނަވަންތައް ފެއިލްވުން ފަދަ ކަންކަން މެދުވެރިވެއެވެ. ޑެންގޫ ހުމަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް ނެތެއްކަމަކު، ސިއްހީ އެހީތެރިންގެ އިރުޝާދާ ލަފާގެ ދަށުން މެނުވީ ބޭސް ކުރުމަކީ އެއްވެއް ހާލެއްގައި އެދެވިގެންވާ ކަމެއް ނޫނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ދުވަސްވަރަކީ ދެކުނު އޭޝިއާއާއި އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހަލުވި ކަމާއެކު ޑެންގޫ ހުން ފެތުރެމުންދާ ދުވަސްވަރެކެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް މެލޭޝިއާއިން ޑެންގޫ ޖެހިގެން 60000އަށްވުރެ ގިނަ ކޭސް ރެކޯޑްކޮށްފައިވާއިރު 90އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ބަންގްލަދޭޝްގައިވެސް ކަންބޮޑުވާ ދަރަޖައަށް ޑެންގޫ ހުން ދަނީ ފެތުރެމުންނެވެ.