ހުޅަނގު އައްސޭރީ ގައި އޮތް ފަލަސްޠީނުގެ ކޮންޓްރޯލް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު، ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު ޝަތިއްޔާ، އިޒުރޭލަށް ދެއްވައިފިއެވެ.

ޝަތިއްޔާ މިފަދަ އިންޒާރެއް އިޒުރޭލަށް ދެއްވާފައި މިވަނީ، ހަމަނުޖެހުންތައް ދިގުލާ ގޮސްފައިވާ ހުޅަނގު އައްސޭރީގެ ސުލްހައަށްޓަކައި އެކުލަވާލާފައިވާ ބައެއް އެއްބަސްވުންތަކާ އިޒުރޭލުން ހިލާފުވެފައިވާކަމަށް ބުނާ ދަނޑިވަޅެއްގައެވެ.

ޝަތިއްޔާ ވިދާޅުވީ އެކުލަވާލަފައިވާ އެއްވެސް އެއްބަސްވުމަކަށް އިޒުރޭލުން އިހުތިރާމް ނުކުރާ ކަމަށާ، މުޅި ފަލަސްޠީނުގެ ބިމާ މެދުވެސް އެބައި މީހުންގެ އަމަލުތައް ހުރީ އެފަދަ ގޮތަކަށް ކަމަށެވެ. ޝަތިއްޔާ އިޝާރާތް ކުރައްވާފައި އެވަނީ، ފަލަސްޠީނު ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއްގައި ހުރި ގެތަކެއް ބިމާ ހަމަކޮށް ސުންނާފަތިކޮށްލުމަށް އިޒުރޭލުން ހިންގި ޖަރީމާއަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އިޒުރޭލުން ބުނީ އެ ގެތަށް ނަގާފައިވަނީ އިން ވަކިކުރާ ސަރަހައްދާ މާ ކައިރީގައި އަޅާ ފައި ހުރުމުން، ސަލާމަތަށް ނުރައްކާވާތީ ކަމަށެވެ. މި ގެތަކުގައި ދިރިއުޅެމުންދިޔަ މީހުން ބުނީ އިމާރާތްކޮށްފައިވާނީ ފަލަސްޠީނު ސަރުކާރުން ހުއްދަ ދީފައިވާ ހިސާބުގައި ކަމަށާ، އިޒުރޭލުގެ ތުހުމަތުތަކަކީ ހަގީތަކެއް އެކުލެވޭ ތުހުމަތުތަކެއް ނޫންކަމަށެވެ.

އިޒުރޭލާ ފަލަސްޠީނު ސުލްހަ ކުރުމަށް މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ފާއިތުވެގެން ގޮސްފައިވާއިރު، އިޒުރޭލުން އަދިވެސް ދަނީ ފަލަސްޠީނުގެ އެކި ސަރަހައްދުތަކަށް އަތްގަދަކޮށް، އެ ސަރަހައްދުތަކަށް ބާރާ ނުފޫޒު ހިންގަމުންނެވެ.