ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއަކީ މިގައުމުން ނައްތާލަން ޖެހޭ ދެބޭފުޅުން ކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.

އިމްރާން ލުތުފީއަށް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލައިގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މޮސްޓާ ވަނީ އެ ދެބޭފުޅުންނަކީ ކިހާވަރެއްގެ ބޭފުޅުންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ގިނަ ތުހުމަތުތަކެއް އެ ދެބޭފުޅުގެ އިސްތަށިފުޅުގައި އަޅުއްވާފައެވެ.

އަދި މިފަދަ ކަންތައްތައް ބެލެން ޖެހޭ ކަމަށާއި "އިންޒާރު ވެސް ދޭންވީ، ހައްޔަރު ވެސް ކުރަންވީ، އެހެން ކަންތައްތައް ވެސް ކުރަންވީ" ކަމަށް މޮސްޓާ ވިދާޅުވިއެވެ.

"އެދެބޭފުޅުންނަކީ ވެސް މިގައުމުން ހަގީގަތުގައި ނައްތާލަންޖެހޭ ބޭފުޅުން. އެކަމަކު އެއީ ޝަރީއަތުގެ ކުރިމައްޗަށް ގެންގޮސް ޝަރީއަތުން ކަމެއް ކޮށްގެން ނައްތާލަން ޖެހޭނީ. އެ ވުޖޫދުން ވެސް ފޮހެލަންޖެހޭ. އަޅުގަނޑު މިބުނަކީ އެބޭފުޅުން މަރާލާވާހަކައެއް ނޫން އިނގޭތޯ. އެއީ މިގައުމަށް ޖެހިފައިވާ ބަލާވެރިކަމެއް ފަދަ ދެބޭފުޅުންނޭ މި ބުނީ. އެހެންވީމަ އެކަންތައްތައް އެބަޖެހޭ ހައްލުކުރަން،"
މޮސްޓާ
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ (ކ) އަދި ހޯމް މިނިސްޓަރު އިމްރާން (ވ)

މޮސްޓާ ވިދާޅުވީ އެދެބޭފުޅުންނާ ހެދި އެތަކެއް ވެރިކަމެއް ވެއްޓި އެތައް ކަންތައްތަކެއް ގައުމުގައި ބޮއްސުންލައިގެން ދިޔަ ކަމަށާ، އެކަންތައްތައް ހައްލުކުރުމަށް މަޖިލީހުގެ 87 މެންބަރުން މަސައްކަތް ކުރައްވަން ޖެހި ވަޑައިގެންފައިވާ ކަމަށެވެ. އަދި މިކަންތައް ކުރުމަށް ފުރުސަތު ހޯދަން ޖެހޭ ކަމަށާ، ކުރީ ސަރުކާރު، އެސަރުކާރު ނުކިޔާ މި ދެބޭފުޅުންގެ ކިބައިން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

"ތިބޭފުޅާގެ [މަޖިލީހުގެ ރައީސް، ރައީސް މުހަައްމަދު ނަޝީދު] ގެ ވެރިކަން ވެއްޓުމުގައި ވެސް އެންމެ ކުރީގައި ހުންނެވި މިބުނާ އިމްރާނެއް. އެހެންވީމަ އެ އިމްރާންގެ ކިބައިން އަޅުގަނޑުމެން ސަލާމަތްވާންވީ. މިތާ މިތިއްބެވި 65 މެންބަރުންނަށް އިމްރާނަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންވަނާ. ޝޭހެއްގެ ތާކިހާ އަޅައިގެން އޭނާ ދިން ދީނީ ނަސޭހަތެއް ވެސް، ދެއްވި ދަރުހެއް ވެސް އަދި މިސްކިތެއްގައި ކުރެއްވި ނަމާދެއް ވެސް މި 65 ބޭފުޅުންނަށް ނުފެންނާާނެ،"
މޮސްޓާ

މޮސްޓާ ވިދާޅުވީ އެއް އިރެއްގައި އިމްރާނަކީ ފަހަރިއަކަށް ވެގެން، އެ ފަހަރިއެއްގެ ލަގަބެއް ދެއްވީ ވެސް އެމްޑީޕީގެ މެންބަރުން ކަމަށާ، އެމްޑީޕީގެ ވެރިކަން ވައްޓާލަން އުޅުނު އިރު އެއީ [ފަހަރި އިމްރާނަށް] ވެފައި މިހާރު ޝެއިހް އިމްރާނަށް ވެފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ އެމްޑީޕީއަށްވެސް ރައްދު ދެއްވާފައެވެ.

މޮސްޓާ ވިދާޅުވީ އިމްރާން ކޮންމެ ފަދަ ދޮގެއް ވެސް ހައްދަވާފާނެ ކަމަށެވެ. ކޮންމެ ވެރިކަމެއް ވައްޓާލަން ވީމައި އެބޭފުޅާ (އިމްރާން) ބޭނުންފުޅުވާ ގޮތަކަށް ވާހަކަ ދައްކަވާ ކަމަށާ، ދޮގު ހެެއްދެވުމާއި އޮޅުވާލެއްވުމާއި މަކަރު ހެއްދެވުން ފަދަ ކަންކަން ކުރައްވާ ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް އިމްރާންގެ އިސްތަށިފުޅުގައި މޮސްޓާ އަޅުއްވާފައިވެއެވެ.

އަދި މާދަމާވެސް އެމްޑީޕީގެ ބޭފުޅުންނަށް ސަނާ ނުކިޔުއްވާނަމަ އަނެއްކާ ވެސް އިމްރާން ވެވަޑައިގަންނަވާނީ 'ފަހަރި' އަށް ކަމަށާ އެހިސާބުން ޝޭހުގެ ލަގަބު ނިމުމަކަށް އަންނާނެ ކަމަށެވެ.

ލުތުފީގެ އިސްތަށިފުޅުގައިވެސް ތުހުމަތުތައް އަޅުއްވަމުން، މޮސްޓާ ވިދާޅުވީ ލުތުފީއަކީ ވަގެއް ނޫންކަމަށް ވިދާޅު ނުވާނެ ކަމަށެވެ. އަދި ލުތުފީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަަމަށާއި، އެބޭފުޅާގެ ނަޒާހަތްތެރިކަން ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ވަރަށް ވަރަށް ރަނގަޅަށް އިނގޭ. އަދި ނަޒާހަތްތެރިކަން ވެސް އިނގޭ. ލުތުފީ ހިފާފާނެ ކޮންމެ އެއްޗެއްގައި ވެސް. ކުޑަ އެއްޗަކަށް ވެދާނެ. އެ ކުޑަ އެތީގެ އަގު އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގޭ. އެބޭފުޅާ ދައްކާފައި ހުރި ވާހަކަތައް ވެސް އިނގޭ. އެކަމަކު އޭސީސީގެ ރައީސް ލުތުފީ، ނަޒާހަތްތެރި ބޭފުޅާ. ކުޑަކުޑަ ކަމެއްގައި ވަރަށް ކުޑަކުޑަ އެއްޗެއް، 123000 ޑޮލަރު، އެކަމަކު އެތި ވަރަށް ކުޑަ. އަތުގައި އަޅާލާ ގަޑިއެއް،" ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވިއެވެ.