ނަފުރަތާ ފިތުނަ ފަސާދައަށް އެމެރިކާގެ ފަސްގަނޑުގައި ފުރުސަތެއް ނުއޮންނާނެ ކަމަށް އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ހަތިޔާރު ހިފައިގެން އުޅުނު 2 މީހަކު އެމެރިކާގެ އެކި ހިސާބުތަކުގައި އިއްޔެ ބަޑީގެ ހަމަލާތަކެއް ދީ، 29 މީހަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގައި ދޭ މިފަދަ ހަމަލާތަކުގެ އިލްޒާމުތަކަކީ މުސްލިމުންނާ ކަޅުނަސްލުގެ މީހުންގެ ބޮލުގައި އެގައުމުން އަޅުވަމުންދާ އިލްޒާމްތަކަކަށް ވީ ނަމަވެސް، މިފަހަރުގެ ހަމަލާތަކުގައި އެފަދަ ކަމަކަށް ފުރުސަތު ނެތުމުން، ޓްރަމްޕްގެ މިސްރާބު އަމާޒު ކުރައްވާފައިވަނީ ނަފްސާނީ ބަލިތަކާ ދިމާލަށެވެ.

ޓެކްސަސްއާއި އޮހާއިއޯގައި 13 ގަޑިއިރު ތެރޭގައި ދިން ބަޑީގެ ހަމަލާތަކަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، 2 ހާދިސާއަށް ބެލި ކަމުގައި ވީނަމަވެސް، ނަފްސާނީ ބަލިމަޑުކަމެއްގެ އަލާމާތްތައް ފެނިގެންދާ ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ ނަފްސާނީ ގޮތުން ސީރިއަސް، އަދި ބޮޑު ބަލިމަޑުކަމެއްގެ ތަކުލީފު އުފުލަމުންދާ މީހުން ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ދިފާއަށް ވަކާލާތު ކުރައްވާފައެވެ.

ޓްރަމްޕްގެ ވާހަކަ މިފަދަ ގޮތަކަށް ހުރި ނަމަވެސް، މި ހަމަލާތައް ދިން މީހުންގެ ނަފްސާނީ ސިއްހަތާ ބެހޭ ގޮތުން އެމެރިކާގެ ފުލުހުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

ފުރަތަމަ ހަމަލާ އަމާޒުވީ ޓެކްސަސްގައި ހިންގާ ވޯލްމާޓްގެ މޯލްއަކަށެވެ. އެ ހަމަލާތައް ދީފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. 13 ވަރަކަށް ގަޑިއިރު ފަހުން 2 ވަނަ ހަމަލާތައް ދީފައިވަނީ 24 އަހަރުގެ ޒުވާނެކެވެ. އޭނާ ހަމަލާ ދޭން މަސައްކަތްކުރީ ނައިޓްކުލަބަކަށެވެ. ނައިޓްކުލަބަށް ހަމަލާދިން މީހާއަށް ކަމާ ބެހޭ ފަރާތްތަކުން ހުރަސްއަޅާ ހުއްޓުވުނުއިރު 9 މީހަކު ވަނީ މަރާލާފައެވެ. އޭގެ ތެރެއިން 6 މީހުންނަކީ ކަޅު ނަސްލުގެ މީހުންނެވެ. ނަމަވެސް އެމެރިކާ ފުލުހުން ބުނަމުންދަނީ އޭނާގެ މަގުސަދު އަދި ސާފު ނުވާ ކަމަށެވެ. ޓެކްސަސްއަށް ދިން ހަމަލާގައި މަރުވި 20 މީހުންގެ ތެރެއިން 6 މީހުންނަކީ މެކްސިކޯ މީހުންނެވެ.

ކަންމިހެންއޮތްއިރު، އެމެރިކާގެ ސަރަހައްދީ އިމުގައި އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ފާރު ރޭނުމަށްވުރެ، ގައުމުގެ ތެރޭގައި ހައްލުކުރަންޖެހިފައިވާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ ޓްރަމްޕަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކުގެ އަޑުތައް ވަނީ ސޯޝަލް މީޑިއާގައި އިންތިހާއަށް ގަދަވެފައެވެ.

މިއަހަރުގެ ކުރީކޮޅު ނިއުޒީލަންޑްގައިވެސް މިފަދަ ހަމަލާތަކެއް ވަނީ ދީފައެވެ. އެފަހަރުގެ ހަމަލާތައް ދީފައިވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހެކެވެ. ކްރައިސްޓްޗާޗްގެ 2 މިސްކިތަކަށް ހުކުރު ވަގުތު ދިން ހަމަލާތަކުގައި 51 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭނާގެ ޝަރިޔަތްވެސް އަދި ނިމޭ ގޮތެއް ނުވެއެވެ.