ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާ ގުޅޭ ހެކިވެރިންނަށް ބިރުދެއްކުމަކީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއީސް ޔާމީނުގެ ޝަރީއަތުގައި ހިމެނޭ ހެކިންނަށް އިންޒާރު ދީ، ފްރޭމްކޮށް، ވަކި ގޮތަކަށް ބަޔާން ދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ބިރުދެއްކުމަކީ، ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އެންމެ މުހިއްމު އެއް ހެއްކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އެވެ. ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރަމުންދާ ޝަރީއަތުގެ މުހިއްމު ހެއްކެއް ކަމަށްވާ ހަސަން ލުތުފީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބިރުދައްކަވާ އިންޒާރު ދެއްވާ ފައިވާ ކަމަށް ހަސަން ލުތުފީ މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއު އަކުން ހާމަވުމާ ގުޅިގެން ހޯމް މިނިސްޓަރު ބިރުދެއްކެވި ކަމަށް ބުނާ އަމަލް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި ހޯމް މިނިސްޓަރުގެ މިއަމަލަކީ ސަރުކާރުގެ ވިސްނުން މި ޝަރީއަތާ މެދު އޮތް ގޮތް ވަރަށް ބޮޑަށް ސާފުވާ ކަމެއް ކަމަށްވެސް ކޯލިޝަނުން ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ރައީސް ސާލިހާއި، ހޯމް މިނިސްޓަރާއި ގުޅިގެން، ގާނޫނާ ހިލާފަށް ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ހުކުމެއް ކުރުމަށް ވަރަށް ބޮޑަށް ރޭވިގެން ކޮށްފައިވާ ދައުވާއެއް ކަމަށް ކޯލިޝަނުން ބުނެއެވެ. އަދި ހޯމް މިނިސްޓަރުގެ މި އަމަލަކީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުއްވުމަށް ހިންގަވާފައިވާ އަމަލެއް ކަމާ، ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ކުރުމަށްޓަކައި ކެތް މަދުވެފައި ވާކަން ސާފުވާ ދަލީލެއް ކަމަށް ވެސް ކޯލިޝަނުން ތުހުމަތު ކުރެއެވެ.

އިންސާފުވެރިކަން ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރައްވައި ވެރިކަމަށް ވަޑައިގެން ނާއިންސާފުން ބާރުގެ ބޭނުން ކުރައްވައިގެން ވަކި ގޮތަކަށް ކަންކަން ނިންމެވުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.