ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ 2 މިސްކިތަކަށް އަމާޒުކޮށް މިއަހަރުގެ މާޗް މަހު ދިން ބަޑީގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ އާއިލާތަކަށް ސައުދީ އަރަބިއްޔާއިން ދިން ޙައްޖު ދަތުރުގެ ހަދިޔާގެ އެހީގައި، ޙައްޖުވާން ގަސްތުކުރި އާއިލާތަކުން ސައުދީއަށް ދަތުރުކޮށްފިއެވެ.
މި އާއިލާތަކުން ސައުދީއަށް އެތެރެވެފައިވަނީ ޖިއްދާގެ ކިންގް ޢަބްދުލް ޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި އާއިލާތައް ސައުދީއަށް ގޮސްފައިވަނީ ސައުދީގެ ރަސްގެފާނު ދެއްވި ފުރުސަތެއްގައެވެ.
ކްރައިސްޓްޗާޗުން ސައުދީއަށް ދަތުރުކުރި އާއިލާތަކަށް ޖިއްދާއިން މަރުހަބާ ކިޔާފައިވަނީ ސައުދީގެ ޑައިރެކްޓާ އޮފް ޕާސްޕޯޓްސް ކާނަލް ސުލައިމާން އަލް ޔޫސުފްއާއި، ސައުދީގައި ހުންނަވާ ނިއުޒީލަންޑްގެ އެމްބެސެޑަރު ޖޭމްސް މޮންރޯއެވެ.
ސައުދީ ރަސްގެފާނު ހަދިޔާއަށް އިޝާރާތް ކުރައްވާ މޮންރޯ ވިދާޅުވީ މިއީ ވަރަށް ދީލަތި އެހީއެއް ކަމަށާ، މި އެހީއަކީ ޙައްޖުވާން ސައުދީއަށް އެތެރެވި އާއިލާތަކުގެ އިތުރުން މުޅި ނިއުޒީލަންޑްވެސް ބަލައިގަންނަ ހަދިޔާއެއް ކަމަށެވެ.
ސައުދީގެ ޚަބަރުތައް ބުނާ ގޮތުގައި ސައުދީ ރަސްގެފާނުގެ ދެއްވާ ހަދިޔާއެއްގެ ގޮތުގައި 6000 އެއްހާ މުސްލިމުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ. މިއީ ޓެރަރިޒަމްއާއި ދެކޮޅަށް ސައުދީން ގެންގުޅޭ ސިޔާސަތުގެ ބައެއް ކަމަށްވެސް އެގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓާ ޝައިހު ޢަބްދުއްލަޠީފު އަލް ޝައިހު ވަނީ ވިދާޅުވެފައެވެ.