ޕީޕީއެމްގެ ގުނަވަނަކުން ބާއްވާ އިންތިހާބަކަށް އިތުބާރު ނުކުރައްވާ ކަމަށާ، އެ ޕާޓީގެ ޕްރައިމަރީގައި ލީޑާޝިޕަށް ވާދަ ކުރައްވާނީ އިލެކްޝަންސް ކޮމިޝަން ނުވަތަ ތިންވަނަ ފަރާތަކުން އެ އިންތިހާބު ބާއްވާނަމަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީ ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އޭނަ މިހާރު ހުންނެވީ ޕީޕީއެމްގެ ލީޑާޝިޕް އިންތިހާބަކަށް ހުޅުވާލާތޯ ބައްލަވަން ކަމަށެވެ. އަދި ތަބަކަކުން ޕީޕީއެމްގެ ލީޑާޝިޕް ބޭނުންފުޅު ނުވާ ކަމަށާއި، ބޭނުންފުޅު ވަނީ އިންތިހާބެއްގެ ތެރެއިން ޕީޕީއެމްގެ ލީޑާޝިޕް ކާމިޔާބު ކުރައްވަން ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ޕްރައިމަރީއެއްގައި ވާދަ ކުރައްވާނީ، އެ ޕްރައިމަރީ އަކީ އިންސާފުވެރި އިންތިހާބެއްގެ ގޮތަށް އެ ޕާޓީގެ ތެރޭގައި އެކަން ބައްޓަން ކުރެއްވިފައި ވާނަމަ ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ ކުރިން ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބު ވަވަޑައިގެންނެވި އުމަރު ވިދާޅުވީ މީގެ ކުރިންވެސް ޕީޕީއެމްގެ ޕްރައިމަރީގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ވާދަ ކުރައްވާފައި ވާނެ ކަމަށެވެ. ނަމަވެސް އެފަހަރު ޕްރައިމަރީ ބޭއްވީ ޕާޓީގެ ތެރެއިން ކަމަށާ އެއީ އިންޓަނޭޝަނަލް ޕްރެކްޓިސްއެއް ނޫން ކަމަށެވެ. އަދި ޕާޓީއެއްގެ އެތެރޭގެ އިންތިހާބު ކޮންޑަކްޓް ކުރަން ޖެހޭނީ އެހެން ބަޔަކު ކަމަށާއި، އެކަން އެގޮތަށް ބައްޓަން ވެފައި އޮތިއްޔާ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ޔާމީނާއި ވާދަކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ޖޭޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޕީޕީއެމްގެ ޕްރައިމަރީގައި ޔާމީނާއި، އަދި އެމްއާރުއެމްގެ ޕްރައިމަރީގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ވާދަ ކުރައްވަން ޖެހިވަޑައިގަތަސް މައްސަލައެއް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.

"ނަމަވެސް އެ ޕްރައިމަރީއެއް ހިންގަން ވާނީ އިލެކްޝަންސް ކޮމިޝަނުން ނުވަތަ އެންމެން އެއްބަސްވާ ތިންވަނަ ބަޔަކު. އެއްވެސް ގޮތަކަށް ޕާޓީގެ އެއްވެސް ގުނަވަނަކުން އެކަންކޮށްގެން ނުވާނެ. ކޮަށްފިއްޔާ އެ ގުނަވަން ވަރަށް ބޮޑަށް ހިސޯރު ކުރާނެ ލީޑާޝިޕްގައި ތިބޭ ބަޔަކު،"
އުމަރު

އުމަރު ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވަން އޭނާ ހުންނެވީ ތައްޔާރަަށް ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި މިހާރު ކަންކަން ހިނގަމުން ދާގޮތަށް ބާލާއިރު، މިއީ އޭނާގެ ވަގުތު ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑާޝިޕަކީ ވަކި މީހަކަށް ދޭ ގޮތަށް އޮންނަ އެއްޗެއް ނޫން ކަމަށް ޕީޕީއެމްގެ މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށް، އެކަމަށް ރައްދު ދެއްވާ އުމަރު ވިދާޅުވީ ތަބަކަކަށް ލާފައި ޕާޓީއެއްގެ ލީޑާޝިޕް ބޭނުންފުޅު ނުވާ ކަމަށާއި، މިހާރު ތިއްބެވި ސިޔާސީ އެއްވެސް ލީޑަރެއްގެ ފަހަތުގައި މަސައްކަތް ކުރައްވަން ބޭނުން ނުވާކަމަށެވެ. ޔާމީން ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕް ދޭނީ ކާކަށްތޯ ނިންމާނީ އެޕާޓީގެ މެންބަރުން ކަމަށާއި އެކަން ކުރަނީ އާންމު މެންބަރުންގެ ކޮންގްރެސްއިން ކަމަށެވެ.

"ދެން މަސައްކަތް ކުރަން ބޭނުން ވަނީ ފްރަންޓް ލައިންގައި. އަޅުގަނޑުމެންގެ ޖީލަށް ރާއްޖޭގެ ވެރިކަން ކުރުމުގެ މަގު ތަނަވަސްވެފައިވަނީ. އެކަން ކުރުމަށް ތައްޔާރަށް މި ހުރީ. ރައީސް މައުމޫނު އަދި ރައީސް ޔާމީންގެ އަރިހަށް ވެސް އަދި ގާސިމްގެ އަރިހަށްވެސް ދާކަށް ބޭނުން ނުވޭ. މިތަނުން އެއްވެސް ބޭފުޅެއްގެ ފަހަތުގައި މަސައްކަތްކުރާ މީހެއްގެ ގޮތުގައި ހުންނަން ބޭނުން ނުވޭ. މަސައްކަތް ކުރާނީ ފުރަންޓް ލައިންގައި ލީޑަރެއްގެ ގޮތުގައި،"
އުމަރު

އުމަރު ވިދާޅުވީ "މިއީ އަޅުގަނޑުމެންގެ ޖެނެރޭޝަންގެ ވަގުތު ކަމަށެވެ. އަދި އޭނާ ހުންނެވީ މިގައުމުގެ މުޅިން އެހެން މިސްރާބަކަށް ގެންދަވަން ތައްޔާރަށް ކަމަށެވެ. އަދި މިގައުމުގެ މަގުތައް އަމާން ކުރައްވައި، އިސްލާމީ ޝަހުޝިއްޔަތު ދިރުވަން އަދި މިގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރައްވަން ތައްޔާރަށް" ހުންނެވި ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކޮށްގެން މި ގައުމު ތަރައްގީވެފައި ހުރި ގައުމުތަކާ ހަމައަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތައް ތަރައްގީވެ ފަސްދީފައި ދާތަން ބަލަން މަޑުކުރެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"ތަރައްގީވެފައި އޮތް ގައުމަކަށް މިގައުމު ހެދިދާނެ 20 އަހަރު ދުވަސްތެރޭގައި. 20 އަހަރު ދުވަސް ވަންދެން އެއް އަމާޒަކަށް ވަރުގަދަ ޕޮލިޓިކަލް ލީޑަރުންތަކެއް އައިސް 20 އަހަރު ތެރޭގައި އެއް މިސްރާބަކަށް ދުއްވައިފިއްޔާ، އަދި ދިވެހިންނަކީ ތައުލީމީ، މުރާލި، މަސައްކަތްތެރި އަދި ހީވާގި ބަޔަކަށް ހަދައި ދީފިއްޔާ ދިވެހިންގެ ކޮނޑުގައި މިގައުމު އުފުލާނެ ސިންގަޕޫރު އެހުރި ހިސާބަށް،"
އުމަރު

އުމަރު ވިދާޅުވީ މިހާތަނަށް ވެރިކަމަށް ވަޑައިގެންނެވި އެކިއެކި ބޭފުޅުންގެ އެ ލީޑާޝިޕް ނެތުމުން ކަންކަން ނިންމުމުގައި އުނދަގޫވެ ގައުމު ފަހަތަށް ސޮއްސާލަމުންދާ ކަމަށެވެ. އުމަރު ވިދާޅުވީ މިގައުމުގެ ލީޑާޝިޕް އަދި އެބޭފުޅުންގެ (އުމަރު) ލީޑާޝިޕްގެ ދަށަށް ދާނެ ކަމަށެވެ. އަދި އެދުވަހަކުން ގައުމު ހަމަމަގަށް އަޅުވާ ތަރައްގީ ކުރުމުގެ ޕްލޭން ވަރަށް ބޮޑުކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.