މަސްތުވާތަކެއްޗާ އެކު އިއްޔެ ހައްޔަރުކުރި 5 މީީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފިއެވެ.

މަސްތުވާތަކެއްޗާ އެކު އިއްޔެ ހައްޔަރު ކުރި ފަސް މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައިވާއިރު، އޭގެ ތެރޭގައި ސ. ހިތަދޫ އަށް ނިސްބަތްވާ ތިން މީހަކާއި ހއ. ހޯރަފުށްޓަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ. މި މީހުން އަތުލައިގެންފައިވަނީ 6 ކިލޯގެ މަސްތުވާތަކެއްޗާއި އެކުއެވެ.

އަބްދުﷲ އިބްރާހިމް، ސ.ހިތަދޫ / ފިރިފަރު

އަބްދުﷲ އިބްރާހިމަކީ ފުޅާ ދާއިރާއެއްގައި މަސްތުވަތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވާއިރު، އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 8 ފަހަރު ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން ހަ ފަހަރެއްގައި އޭނާ ހައްޔަރު ކޮށްފައިވާއިރު، ޖަމާއަތް ހަދައިގެން ރޭޕް ކުރުމުގެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހްލާގީ އަމަލު ހިންގުމުގެ މައްސަލަގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލަ އަދި ޖަމާއަތް ހަދައިގެން މާރާމާރި ހިންގުމުގެ ދެ މައްސަލައިގައި އޭނާ ވަނީ ހައްޔަރުކޮށްފަވެ.

އަލީ ހަސަން، ސ. ހިތަދޫ / ހުދުވެލި

އަލީ ހަސަނަކީ މަސްތުވާތަކެތީގެ މައްސަލަަތަކުގައި ނުވަ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން އޭނާ ވަނީ މާރާމާރީގެ މައްސަލައަކާއި، ގަސްދުގައި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ.

މުހައްމަދު ފައިސަލް، ސ. ހިތަދޫ / ޕޫލްބަހާރު

މުހައްމަދު ފައިސަލަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ދެ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން އޭނާ ވަނީ ގަވާއިދާ ހިލާފުވުމުގެ މައްސަލައަކާއި، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ.

އަހްމަދު ރައޫފް، ހއ. ހޯރަފުށި / ރަންމުލި

އަހްމަދު ރައޫފަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެއްފަހަރު ހައްޔަރުކުރުމުގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަކާއި، ވައްކަމުގެ ތިން މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ.

އަހްމަދު މަމްދޫހް، ހއ. ހޯރަފުށި / އާރޯ

އަހްމަދު މަމްދޫހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެއްފަހަރު ހައްޔަރުކުރުމުގެ އިތުރުން ގޮވާތަކެތީގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރު ކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕްރޭޝަން ހިންގީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓަލިޖެންސް ޑިޕާޓްމަންޓް އަދި އަޕާ ނޯތް ޑިވިޝަނާއި ގުޅިގެންނެވެ.

މި މީހުން އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ރަނބަރުގަނޑު ފެނިފައިވާއިރު، މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.