އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި ހަރަކާތްތެރިވާ އިންޑިއާ އަސްކަރިއްޔާއަށް ހަމަލާ ދެމުންދާ ކަމުގެ ތުހުމަތު އަމާޒުވާފައިވާ ހަނގުރާމަވެރި ޖާއިޝީ މުޙައްމަދު ޖަމާއަތުގެ އިސް ކޮމާންޑަރަކާ އޭނާގެ އެހީތެރިޔާ މަރާލެވިއްޖެ ކަމަށް އާންތްނާގުގެ ފުލުހުން ބުނެފިއެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާއަށް މިއަހަރު ކުރީކޮޅު ހަމަލާދީ، ޕެރާމިލިޓްރީ 40 ފުލުހަކު މަރާލި ހާދިސާގެ ފަހަތުގައްޔާ، މިދިޔަ ޖޫން މަހު 12ގައި ދިން ހަމަލާގެ ފަހަތުގައިވެސް އޮތީ އެ ޖަމާއަތް ކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ.

ޖާއިޝީ މުޙައްމަދު އިސްކޮމާންޑަރު ފަޔާންޒު ޕަންޒޫއާއި އޭނާގެ އެހީތެރިޔާ މަރާލާފައިވަނީ އަންގާރަ ދުވަހުގެ ރޭ، ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުމެއްގައި ކަމަށް މައުލޫމާތުލިބެއެވެ. މި ކުރިމަތިލުންތަކުގައި ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވި ސްޓޭޝަން ހައުސް އޮފިސަރު އަރުޝަދު ޚާންވެސް މިހާރު ނިޔާވެފައިވާކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގައި ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވަމުންދިޔަ ކަމުގެ ކުށުގެ ތުހުމަތުގައި، އިންޑިއާގެ ނޭޝަނަލް އިންޓެލިޖެންސް އޭޖެންސީއިންވަނީ ހޯމަ ދުވަހުގެ ރޭވެސް ޖާއިޝީ މުޙައްމަދު ޖަމާއަތަށް ނިސްބަތްވާ "ޓެރަރިސްޓެއް" ހައްޔަރުކޮށްފައެވެ.