ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި 129.17 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

129 މިލިއަން ރުފިޔާ ބަހާނަމަ އެއީ ހިއްސާއަކަށް 24 ރުފިޔާއެވެ. މިއީ މިހާތަނަށް ބޭންކުގެ ހަޔާތުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދުކަން ފާހަގަ ކޮށްލެވެއެވެ.

ބީއެމްއެލުން ވަނީ މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 390 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކުގެ ފައިދާ 1.6 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިރޭ ބޭއްވި އޭޖީއެމްްގައި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ހިއްސާދާރުންނަށް ލިބިގެން ދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ނަތީިޖާ ނެރެދެވުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއި އަދި އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބުނު ކުރިއެރުމުން ކަމަށެވެ. މީގެ އިތުރުން ދޫކުރެވުނު ލޯނުގެ ނިސްބަތް އިތުރުން ވެސް ފައިދާ އިތުރުވި ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.