2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް އަމާޒުކޮށް އަލްގައިދާއިން ޓެރަރިސްޓް ހަމަލަތާކުގެ މޭސްތިރީގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ޚާލިދު ޝައިހު މުޙައްމަދު، ޝަރުތުތަކަކާއެކު ސައުދީ އަރަބިއްޔާއާއި ދެކޮޅަށް ހެކިބަސް ދިނުމަށް ތައްޔާރަށް ހުރި ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާގެ ޝިކާރައަކަށްވި މީހުން ސައުދީ އަރަބިއްޔާއާއި ދެކޮޅަށް ކުރަމުންދާ ދައުވާގައި، ސައުދީ އަރަބިއްޔާއާއި ދެކޮޅަށް ހެކިބަސް ދިނުމަށް ތައްޔާރަށް ހުރިކަމުގެ އިޝާރާތެއް ޚާލިދު ޝައިހު މުޙައްމަދު ދީފައިވަނީ، އެމެރިކާ ސަރުކާރުން އޭނާގެ މައްޗަށް މަރުގެ ހުކުމް ނުއިއްވާނެ ކަމުގެ ޔަގީންކަން ދިނުމަށް ޝަރުތުކުރުމަށް ފަހުގައެވެ.

ޚާލިދު ޝައިހު މުޙައްމަދު މިފަދަ ޝަރުތެއް ކުރިކަން ބަޔާންކޮށްފައިވަނީ ސައުދީ އަރަބިއްޔާއިން ބަދަލުގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ހޯދުމަށް ދައުވާ ކުރަމުންދާ ވަކިވަކި ފަރުދުންނާ ވިޔަފާރިތަކުން، މެންހެޓަންގައި ހުންނަ ޔޫއެސް ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި ސިޓީއެއްގައެވެ.

ކަންމިހެން އޮތްއިރު އެމެރިކާގެ ތަހުގީގީ އިދާރާ (ސީއައިއޭ)ގެ އޮފިސަރެއް ކަމަށްވާ ގްލެން ކާލީ ވިދާޅުވީ ޚާލިދު ޝައިހު މުޙައްމަދުގެ ހެކިބަހުގެ ބަޔާނަކީ ކޯޓަށް ކިހާ މުހިންމު ބަޔާނެއްކަން އަދި ކަށަވަރު ނުވާކަމަށެވެ. ނަމަވެސް ޚާލިދު ޝައިހު މުޙައްމަދަކީ އެ ހަމަލާތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެނގޭނެ މީހެއްކަން ގަބޫލުކުރައްވާކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ޚާލިދު ޝައިހު މުޙައްމަދު، 2003 ވަނަ އަހަރު ހައްޔަރު ކުރީ ޕާކިސްތާނުންނެވެ. ހައްޔަރުކުރި ހިސާބުން ފެށިގެން އެމެރިކާއަށް ގެނެސް، 2006 ވަނަ އަހަރާ ޖެހެންދެން އޭނާ ބަހައްޓާފައިވަނީ އެމެރިކާގެ ޖަލެއްގައެވެ. އޭގެ ފަހުން އަދާ ޖެހެންދެކަށްވެސް ޚާލިދު ޝައިހު މުޙައްމަދު ހުރީ ގުއަންޓަނަމޯބޭ ޖަލެއްގައެވެ.

3000 މީހުންގެ ފުރާނަ ގެއްލިދިޔަ ސެޕްޓެމްބަރު 11 ގެ ހަމަލާގައި އެގައުމުގެ އެއްވެސް ނުފޫޒެއް ނުވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.