މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ، ގައުމީ އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުން މި މުއްދަތު ހަމަވުމުގެ ކުރިން ފޯމު ފޮނުވުމަށް ހާއްސަ ސަމާލުކަމެއް ދިމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން އެދޭ ކަމަށެވެ.

އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުވަން ޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީ އަށް އެޑްރެސްކޮށް، ރައީސް އޮފީހަށެވެ. އަދި ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސް އޮފީހުން ލިބޭނެ ކަމަށާއި، އެ އޮފީހުގެ ވެބްސައިޓް www.presidencymaldives.gov.mv އިން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މި އަހަރު ވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި އަހަރުގެ ގައުމީ އިނާމު ދޭނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.