އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ފަރާތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި "އިންނެވި" މެމްބަރެއްގެ ފަރާތުން ރޭޕްގެ އަނިޔާ ލިބުނުކަމަށް ދައުވާ ކުރި ފުރާވަރު އަންހެންކުއްޖާއާއި އޭނާގެ އާއިލާ ދަތުރުކުރަމުންދިޔަ ކާރު އެކްސިޑެންޓްވެ ސީރިއަސްވެއްޖެއެވެ.

ބޯވިއްސާރައިގެ ތެރޭގައި ޓްރަކް އަކާ ކާރެއް ޖެހިގެން ހިނގި މިހާދިސާގައި އަންހެން ކުއްޖާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާއިރު އޭނާގެ 2 ބޮޑުދައިތައަކު ވަނީ މިހާދިސާގައި މަރުވެފައެވެ. އަންހެން ކުއްޖާގެ ގާނޫނީ ވަކީލުވެސް ކާރުގައި އިންއިރު، އިތުރު ފަރުވާ ދިނުމަށް އޭނާވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި ކަމަށް ޚަބަރު ލިބެއެވެ. ހާދިސާ ހިނގި ވަގުތަކީ، އެކުއްޖާއަށް ދިނުމަށް ލާޒިމުކޮށްފައިވާ ސަލާމަތީ ގާޑުން އޭނާއާއެކު ނެތް ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ އެކަން އެހެން ހިނގާފައިވަނީ އާއިލާއިން އެގޮތަށް ބޭނުންވެގެން ކަމަށާ، ނަމަވެސް މައްސަލަ އިތުރަށް ބަލާނެ ކަމަށެވެ.

ހާދިސާ ހިނގި ވަގުތު އަންހެން ކުއްޖާއިން ކާރު ދަތުރު ކުރަމުން ދިޔައީ ތަފާތު މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އޭނާގެ ބޮޑުބޭބެއަކާ ބައްދަލުކުރުމަށް ޖަލަށް ދިއުމަށް ކަމަށް ޚަބަރު ލިބެއެވެ. އަންހެން ކުއްޖާ ދަތުރުކުރަމުންދިޔަ ކާރާ އެކްސިޑެންޓްވި ޓްރަކްގެ ނަންބަރު ޕްލޭޓް ކަހާ، ކަޅުކުލައަށް ހަދާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ޓްރަކް ދުއްވަން އިން މީހާއާއި ޓްރަކްގެ ވެރި ފަރާތް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އަންހެން ކުއްޖާއަށް އިންސާފު ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދިޔަ އޭނާގެ ބައްޕަވެސް ވަނީ މަރުވެފައެވެ. ބައްޕަ މަރުވީ ފުލުހުންގެ ހައްޔަރަށް ގެންދިއުމަށްފަހު ތަޅާ އަނިޔާކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. ބައްޕަ ހައްޔަރުކުރީ ހަތިޔާރު ގެންގުޅުމުގެ ގާނޫނުގެ ދަށުން ކަމަށް ވާއިރު، މިކަން ކުރީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުގެ ބޭބެއެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރާ އޭނާގެ ބޭބެ މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ބުނާ ގޮތުގައި ބީޖޭޕީގެ މެމްބަރު އެކުއްޖާ ރޭޕްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 8 ޖެހިއިރުއެވެ.