ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅުކުރައްވަން ދަތިފުޅުކަމަށް ވިދާޅުވެ "ދަ ޕްރެސް" އާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިއްސާކުރެއްވި ވާހަކަތަކަށް އިކެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޖޯކު ޖައްސަވައިފިއެވެ.

ޔާމީން ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ކަންކަން ދިޔަގޮތުން ނަތީޖާ ގަބޫލުފުޅުކުރައްވަން އަދިވެސް ދަތިފުޅު ކަމަށެެވެ. ޔާމީންގެ ވާހަކަފުޅުގައި އީސީގެ އިހުމާލު އޮތްކަމާއި، އީސީގެ ރައީސް ޝަރީފް ވެސް ބައެއް ކަންކަން އޮއްބާލާފައިވާކަމަށް ތުހުމަތު ކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ކުރުވާހަކަ މުބާރާތުގައި ބައިވެރިކުރަން ރަނގަޅު ވާހަކައެއް" ކަމަށެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކުރަމް ވެސް ވަނީ ޔާމީންގެ ވާހަކަފުޅަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ސިޔާސީ މަންފާއެއް ހޯދުމަށް އީސީ ބަދުނާމުވާ ގޮތަށް ބުހުތާނު ދޮގު ހެދުމަކީ ހިތާހުރި ކަމެއް ކަމަށެވެ.

އީސީގެ ރައީސް ޝަރީފް ކުރެއްވި ޓްވީޓާއި ގުޅިގެން ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ، އީސީގެ ރައީސް އެފަދަ ޓްވީޓްތަކުން އެ ކޮމިޗަންގެ އިންޓެގްރިޓީއާއި މިނިވަންކަމާ މެދު ސުވާލު އުފައްދާނެ ޖާގަ ލިބިވަޑައިގަންނަވާ ކަމަށެވެ.

އީސީއާ ގުޅުވައިގެން ޔާމީން ވިދާޅުވީ ކޮމްޕްލެއިންސް ބިއުރޯ ޖަމާލުއްދީންގައި ހުރެފައި ވޯޓުލާން އޮތްރޭ ނޫން ކުރީ ރޭ އެތަން ދަރުބާރުގެއަށް ބަދަލުވިކަމަށެވެ. އަދި ދަރުބާރުގެއަށް ބަދަލުވި އިރު، އެތަނުގައި ފެކްސްލައިނެއް އީމެއިލްއެއް ނެތް އިރު ފިކްސްޑް އޮންލައިނެއް ނެތް ކަމަށެވެ. އެހެންކަމުން ރަށްރަށުންނާއި މާލެއިން ރައްޔިތުންނަށް ޝަކުވާ ކުރެވޭނެ ގޮތެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުުރުން ވޯޓު ކަރުދާސް ޕްރިންޓް ކުރަން ބަޔަކާ ހަވާލުކުރުމުގައި ވެސް އޮޅުވާލާފައިވާ ކަމަށާއި، އެ މައްސަލައިގައި ޝަރީފާ ގުޅުއްވުމުން އެކަން ބައްލަވާނެކަމަށް ވިދާޅުވެ ފަހުން އެކަން ވެސް ނުކުރައްވާކަމަށް ޔާމީން ވިދާޅުވިއެވެ.