ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ދައުވާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެ ކޮމިޝަނާ އެއްކޮޅަށް ނިމިއްޖެއެވެ.
އޭސީސީން ބުނީ މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިޔަށް ގެންދިޔަ އެ ކޯޓުގެ ގަޒިއްޔާއިން މިދިޔަ ބުރާސްފަތި ދުވަހު އޭސީސީއާ އެއްކޮޅަށް ހުކުމް ކޮށްފައިވެއެވެ.
ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާންކޮށްފައި ވަނީ އޭސީސީން ޖެނުއަރީ 2012 ގައި ފޮނުވި ސިޓީއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއަށް އެންގި އެންގުން އަންގާފައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ބާރުތަކުގެ ބޭރުން ހެޔޮނިޔަތެއް ނެތި ކަމަށް ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައި ވީނަމަވެސް، އެ އެންގުމަކީ، ގާނޫނު އަސާސީގެ 202 ވަނަ މާއްދާއާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ކޮމިޝަންގެ މަސްއޫލިއްޔަތު ތަކުގެ ބޭރުން ހެޔޮނިޔަތެއްނެތި އަންގާފައިވާ އެންގުމެއް ކަމަށް ބަލާނެ ހަމައެއްނެތް ކަމަށެވެ.
އަދި ސިވިލް ކޯޓުން މި މައްސަލައިގައި 2013 ވަނަ އަހަރު ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލޭނެ ސަބަބެއްނެތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އޭސީސީއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އެކުންފުންޏާއި އެމްޕީއެލްއާ ދެމެދު ނޮވެމްބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 17 ޓަނުގެ ބޮލާޑް ފުލް ޓަގް ބޯޓެއް އެމްޕީއެލްއަށް ސަޕްލައި ކޮށްދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އެ އެއްބަސްވުމަށް އަމަލުކުރަން ހުއްޓުވާ އެކުންފުންޏަށް ލިބެންވާ ފައިސާ ދިނުން ހުއްޓާލުމަށް އޭސީސީން އެންގި މައްސަލައިގައެވެ.
މި މައްސަލައިގައި އެ ކުންފުނިން ވަނީ ވިޔަފާރިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 815 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އެސީސީން ހޯދުމަށް ދައުވާ ކޮށްފައެެވެ. މި ދައުވާ ކުރީ ސިވިލް ކޯޓުގައެވެ. ނަމަވެސް ސިވިލް ކޯޓުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ ދެކޮޅަށެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ސިވިލް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ، ސެންޓާ އެންޓަޕްރައިސަސްއިން ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެހުކުމަށް ބަދަލުގެންނަން ޖެހޭނެފަދަ އެއްވެސް ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.