1998 ވަނަ އަހަރު ނޮވެމްބަރު 3ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގަައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރިކަން ފަޅާ ނޭރުވި ނަމަ، މި ސަރުކާރުން އޭނާ ފިލުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ލުތުފީ އެމްބަސީގައި ހުރިކަން ފަޅާއަރާ ސަކުރާރަށް ޕްރެޝާ ބޮޑުވެ ލުތުފީ އަނބުރާ ޖަލަށް ގެނައުމަށް ސަރުކާރަށް މަޖުބޫރުވި މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރެއްވުމަށް ރޭ ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި އުމަރު ވަނީ ބިލެތް މީރުކުރުމުގެ ކުޑަ ހަފްލާއެއް ބާއްވަވާފައެވެ. މި ހަފްލާގެ ޝިއާރެއްގެ ގޮތުގައި އޮތީ، "ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު، 19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" އެވެ.
ރޭ ބޭއްވި މި ހަފްލާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، އަނިޔާވެރިކަމަށް ނިމުން ގެންނަން އައި ސަރުކާރުން ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ބޮޑު އަނިޔާވެރިޔާ އަދި އެންމެ ބޮޑު ޓެރަރިސްޓު ދިވެހި އެމްބަސީ ތެރޭގައި ދޮޅުމަސް ވާންދެން ފޮރުވައިގެން ގެންގުޅެމުން ދިޔަ ކަން ފަޅާ އަރުވާ ނުލެވުނު ނަމަ ސްރީލަންކާގެ ކޮލަމްބޯގެ މިހާރު އޮތް މާހައުލު ފިނިވުމުން މި ސަރުކާރުން ލުތުފީ ފިލުވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ދިވެހި ސަރުކާރުން ލުތުފީ ހައްޔަރު ކުރުމަށް އެދި އިންޓަނޭޝަނަލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް ދިވެހި އެމްބަސީއެއްގައި އޭނާ ފޮރުވައިގެން ގެންގުޅުނު ކަމަށާއި އަދި، ލުތުފީ ހައްޔަރު ކުރަން މަޖުބޫރުވީ ލަންކާގެ މާހައުލު ގޯސްވެފައި އޮތުމުން ކަމަށެވެ.
އަނިޔާވެރިކަމަށް ނިމުން ގެންނަން ބުނި ސަރުކާރުން ރާއްޖެ ދުށް އެންމެ ބޮޑު އަނިޔާވެރިޔާ އަދި ޓެރަރިސްޓް ލުތުފީ ފޮރުވައި އޭނާއަކީ ސާފު މީހެއް ކަމަށް ދައްކަން ތަކުރާރުކޮށް މައްސަކަތް ކުރަމުން ގެންދާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ލުތުފީއަކީ ސާފު މީހެއް ކަމަށް ދައްކަން އެކި ފެންވަރުގައި އެކި ފެންވަރުގެ ވެރިން މި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރާ ކަމަށާއި މާ ގިނަ ދުވަހެއް ނުވެ ކޮންމެވެސް ވާހަކައެއް ދައްކާ ޖަލުން ނެރެ، ލުތުފީ ގެއަށް ބަދަލު ކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.