އޭޕްރިލް މަހުގެ ފަހުކޮޅު ސްރީލަންކާގެ އެކި ސަރަހައްދު ތަކަށް ޓެރަރިސްޓް ހަމަލާ ދިނުމުގެ އަމަލު ހިންގި މީހުންނަކީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ފިކުރު ގެންގުޅުނު މީހުން ކަމަށާ، ނަމަވެސް އެ ހަމަލާތަކާ އައިސިސް ޖަމާއަތާ އެއްވެސް ވަރެއްގެ ގުޅުމެއް ނެތްކަމަށް މިމައްސަލަ ތަހުގީގު ކުރަމުންދާ ސްރީލަންކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސްރީލަންކާ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ)ގެ އިސްވެރިޔާ ރާވީ ސެނެވިރަތުނަ މިފަދަ ވާހަކަތަކެއް އާންމުކުރައްވާފައި ވަނީ، އޭޕްރިލް 21 ވަނަ ދުވަހުގެ ބޮމުގެ ހަމަލާތައް ދެވިފައިވަނީ ސްރީލަންކާގެ ޖާސޫސީ ބާރުތަކުގައި އުނިކަމެއް ހުރެގެންތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުން އެކުލަވާލާފައިވާ ޕެނަލުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.

ރާވީ ސެނެވިރަތުނަ ވިދާޅުވީ ބޮމުގެ ހަމަލާތައް ދިނުމުގައި ބައިވެރިވި މީހުންނަކީ އައިސިސް ޖަމާއަތާ ސީދާ ގޮތުން ގުޅިފައިވާ ބައެއް ނޫންކަމަށެވެ. ތަހުގީގުތަކަށް މިފަދަ ގުޅުމެއް އޮތްކަން ހޯދިފައި ނުވާކަމަށްވެސް ރާވީ ސެނެވިރަތުނަ ވަނީ ފާހަގަކުރައްވާފައެވެ.

ހަމަލާ ދިން މީހުންނަކީ ސްރީލަންކާގައި ހިންގާ ދީނީ ހަރުކަށިފިކުރުގެ ނޭޝާނަލް ތައުހީދު ޖަމާއަތުގެ މެމްބަރުން ކަމަށްވާއިރު، އޭޕްރިލް 21ގެ ބޮމުގެ ހަމަލާތަކުގެ ޒިންމާ އައިސިސްއިން އުފުލާދިނުމަށް އެޖަމާއަތުން އައިސިސްގެ ކިބައިން އެދިފައިވާކަމަށާ، އެކަން ހިނގާފައިވަނީ ހާދިސާގެ 2 ދުވަސް ފަހުންކަމަށްވެސް ރާވީ ސެނެވިރަތުނަ ވަނީ ހާމަކުރައްވާފައެވެ.

ކަންމިހެންއޮތްއިރު، އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރީ ކުރަމުންދާ ޑީލަރުންތަކެއްގެ މަސައްކަތް ކަމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވެފައެވެ. އަދި އެމީހުން އެކަން ކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ މަސައްކަތްތަކަށް ބުރޫއެރުވުމުގެ ގޮތުން ކަމަށްވެސް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވަނީ ސިރިސޭނާގެ ނަޒަރިއްޔާ ގަބޫލުކުރައްވަން އިންކާރުކުރައްވާފައެވެ.

ޓެރަރިސްޓް ހަމަލާތައް އަމާޒުވި ވަގުތަކީ ނަސޯރާ ދީނުގެ މީހުން އެމީހުންގެ ދީނީ އަޅުކަމެއްގައި ޝާމިލުވެގެން އުޅުނު ވަގުތެއްކަމުން، މި ހަމަލާތަކުގެ އިލްޒާމު އެންމެ ފުރަތަމަ އެޅުވުނީ ސްރީލަންކާގެ މުސްލިމުންގެ އާބާދީގެ ބޮލުގައެވެ. އެއާއި ވިދިގެން ސްރީލަންކާގައި އުޅޭ މުސްލިމުންނަށް ބޮޑެތި ތަކުލީފުތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.