އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު މަޝްވަރާކޮށްފިއެވެ.

ދިވެހި ހާރިޖިއްޔާގައި ބުދަ ދުވަހު ދުވަހު އޮތް ހާއްސަ ބައްދަލުކުރެއްވުމެއްގައި މިކަމާ ބެހޭ ގޮތުން އިސްކޮށް މަޝްވަރާކުރައްވާފައިވަނީ ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގުސްތީ ނަގޫރާ އަރުދިޔާސާއާއެވެ.

ދިވެހިރާއްޖޭގެ އިގްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާ، ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ތަންފީޒު ކުރަމުންދާ ދިވެހި ހާރިޖީ ސިޔާސަތުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އިންޑޮނޭޝިއާއަކީ ދިވެހިރާއްޖެއާއި ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރި 22 ވަނަ ގައުމެވެ.